logologologologo
STO
ޚަބަރު

ޝަމްއާންގެ ތުހުމަތުތައް ދޮގުކޮށް، ކަން ހިނގާފައިވާ ގޮތް ހާމަކުރަން ފުލުހުންނަށް އަންގައިފި

ޝަމްއާންގެ ތުހުމަތުތައް ދޮގުކޮށް، ކަން ހިނގާފައިވާ ގޮތް ހާމަކުރަން ފުލުހުންނަށް އަންގައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 10

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު މައްސަލާގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދު ކުރާ ތުހުމަތުތައް ދޮގުކުރައްވައި، އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ރައްޔިތުންނަށް ހާމަކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންނަށް އަންގަވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުވުމުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަމުން ޝަމްއާން ވަނީ، އޭނާގެ މައްޗަށް ކުރަނީ ސިޔާސީ ގޮތުން ފްރޭމްކޮށްގެން އުފުލާފައިވާ ދައުވާތަކެއް ކަމަށް ބުނެފައެވެ. އަދި އެކަމުގެ ފަހަތުގައި ހޯމް މިނިސްޓަރު އިހުސާންގެ އަތެއްވާ ކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.

ޝަމްއާންގެ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރު އިހުސާން މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެއްވެސް އަސާސެއް ނެތް ސާބިތުނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އޭނާ ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއްކަން ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި މައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑުވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޝަމްއާންގެ މައްޗަށް ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ތިން ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.

  • މަނީ ލޯންޑްރިންގެ ދައުވާ: 15 އަހަރުގެ ޖަލު ހުކުމް
  • ފޭރުމުގައި ބައިވެރިވުމުގެ ދައުވާ: 8 އަހަރުގެ ޖަލު ހުކުމް (ދައުލަތުގެ އެދުމުގެ މަތިން އަދަބު ވަނީ ބޮޑުކޮށްފައި)
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން: 2 އަހަރުގެ ޖަލު ހުކުމް

ޝަމްއާންގެ މައްޗަށް ފޭރުމުގެ ދައުވާ ކުރީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު މިނިވަންކުރުމަށްފަހު، އެހެން މުވައްޒަފުންތަކަކާ ގުޅިގެން އެމީހާގެ އަތުން 500,000 އަށްވުރެ ގިނަ ރުފިޔާ ފޭރި، އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ މައްސަލާގައެވެ.

މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް ޝަމްއާން ބަންދުގައި ހުރި 9 މަހާއި 10 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން، އޭނާ ދެން ޖަލުގައި ހޭދަކުރަންޖެހޭނީ 24 އަހަރާއި 2 މަހާއި 20 ދުވަހެވެ.

މީގެ އިތުރުން، ކޯޓުން ވަނީ ޝަމްއާން 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ބިދޭސީ މީހާގެ އަތުން ފޭރުނު 5 ލައްކަ ރުފިޔާ ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެ ބިދޭސީ މީހާއަށް އަނބުރާ ރައްދުކޮށްދިނުމަށްވެސް އަމުރުކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް