އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޝަމްއާނަށް ހުކުމް ކުރުން މިއަދު ހަވީރަށް ތާވަލުކޮށްފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބޮޑެތި ކުށްތަކުގެ މައްސަލައިގައި ހުކުމް ކުރުމުގެ މަޖިލިސް މިއަދު ހަވީރު ބޭއްވުމަށް ކޯޓުން ތާވަލުކޮށްފިއެވެ.
މަގާމުން ވަކިކޮށްފައިވާ ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ:
- ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
- މަނީ ލޯންޑްރިންގ (ނުގަވާއިދުން ފައިސާ ދައުރުކުރުން) ގެ ދައުވާ
ޝަމްއާން ވަނީ މި ތިން ދައުވާއަށްވެސް ކޯޓުގައި އިންކާރު ކުރައްވާފައެވެ. މި މައްސަލައިގެ ހުކުމް ކުރުން މިއަދު ހަވީރު 4:00 އަށް ތާވަލުކޮށްފައިވާއިރު، މީގެ ކުރިން މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހުވެސް ހުކުމް ކުރަން ތާވަލުކުރިއެވެ. ނަމަވެސް، އެ ފަހަރު ހުކުމް ކުރުން ފަސްކުރީ ޝަމްއާންގެ ފަރާތުން އެދިގެންނެވެ.
ޝަމްއާން ހައްޔަރުކުރީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. މި މައްސަލައިގައި އޭނާއާއެކު އިތުރު ބަޔަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން، ބިދޭސީއެއްގެ އަތުން 500،000 (ފަސްލައްކަ) ރުފިޔާ ފޭރިގަތުމަށްފަހު، އޭގެ ތެރެއިން ބައެއް ފައިސާ ޝަމްއާންގެ އަމިއްލަ ބޭނުމަށް ބަހައްޓައި، އަނެއް ބައިން އޭނާގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދައްކާފައިވެއެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި މި ގުރޫޕުން ބިދޭސީން ހައްޔަރުކޮށް، އެމީހުންގެ އަތުން ފައިސާ އަތުލުމަށްފަހު ވަނީ ބަންދުން ދޫކޮށްލާފައެވެ.
ޝަމްއާން މި މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހުރުމަށްފަހު، ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

.gif.gif&w=828&q=100)


