ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ޝަމްޢާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް: މުންދު

ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.
ޝަމްޢާން ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ޝަރީއަތުގެ މަޖިލީހަށް މިއަދު ވަނުމުގެ ކުރިން، މީޑިއާތަކަށް އިންޓަވިއުއެއް ދީފައެވެ. އެ އިންޓަވިއުގައި ޝަމްޢާން ވަނީ ހޯމް މިނިސްޓަރު ޢަލީ އިޙުސާން ހިންގަވާ ކޮރަޕްޝަންގެ މަޢުލޫމާތުތައް ރައީސް މުޢިއްޒުއާ ހިއްސާކުރި ކަމަށް ބުނެފައެވެ.
ނަމަވެސް އެވާހަކަތައް ރައީސް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ޝަމްޢާން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މުންދު ވިދާޅުވީ، ޝަމްޢާން ރައީސްގެ ނަންފުޅު ބޭނުންކޮށްގެން ދެއްކެވި އެއްވެސް ވާހަކައެއްގައި ތެދެއް ނެތް ކަމަށާ ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓްގެ ކަންކަމުގައި ގޮތް ނިންމުމުގެ އެއްވެސް ބާރެއް ވަޒީރު އިޙުސާނަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ސިސްޓަމްތަކަށް ވަނުމުގެ ހުއްދަވެސް ވަޒީރަށް ނޯންނާނެ ކަމަށެވެ.
ޝަމްޢާންގެ މައްޗަށް ދައުލަތުން ކުރި ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަދި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާތީ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޙުކުމްކޮށްފައެވެ.
ޝަމްޢާންގެ މައްޗަށް ފޭރުމާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ އިމިގްރޭޝަން މުވައްޒަފުންތަކަކާ ގުޅިގެން ބިދޭސީއެއްގެ އަތުން ފޭރުނު 500،000 އަށް ވުރެ ގިނަ ރުފިޔާ އޭނާ ދިރިއުޅޭ ގެއަށް ގެންދިޔަ މައްސަލާގައެވެ.
މި ދަޢުވާތަކާއި ގުޅިގެން ދައުލަތުން އެދިފައިވަނީ ޖުމްލަ 25 އަހަރުގެ ޖަލު ޙުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށާއި، އޭނާގެ ގެއިން ފެނުނު ފައިސާތައް ދައުލަތަށް ނެގުމަށެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ޝަމްޢާންގެ ފަރާތުން އެދިފައިވަނީ ޖަލު ޙުކުމުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ ގޭބަންދުގެ ލުއި އަދަބެއް ދިނުމަށެވެ.
އިތުރަށް





.gif.gif&w=828&q=100)