ހުއްދަ ނުނަގާ 7 ތަނަކުން 9 މަހުން 77 މިލިއަން ޑޮލަރު މާރުކުރި: އިހުސާން

ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ނެތި އެކަން ކުރާ ހަތް ތަނެއް ބެލިއިރު، މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ތަންތަނުން ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެނގޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ ރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތް ކުރާ ތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއާ ގުޅިގެން ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތްތައް ހިއްސާ ކުރައްވައިފަ އެވެ.
ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ނެތި ވެސް އެކަން ކުރާ ވަރަށް ގިނަ ބަޔަކު އުޅޭ ކަމަށާއި އޭގެ ތެރެއިން ހަތް ފަރާތެއް ބެލިއިރު މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ކަޅުބާޒާރުގައި އެމީހުން 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެނގޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
ކަޅު ބާރާޒަށް އެންމެ ގިނައިން ޑޮލަރު މާރުކުރަނީ ރިސޯޓުތަކުން
އިހުސާން ވިދާޅުވި ގޮތުގައި، ހުއްދަ ނުނަގާ ބޭރު ފައިސާ މާރުކުރާ ތަންތަނަކީ ރާއްޖެއަށް އެއްވެސް ގޮތަކަށް ޑޮލަރު އެތެރެކުރާ ނުވަތަ ޑޮލަރުން އާމްދަނީ ލިބޭ ހިދުމަތެއް ވެސް ދޭ ތަންތަން ނޫންކަން މިހާތަނަށް ބެލިބެލުމުން އެނގެ އެވެ. އެހެންވެ، އެ މީހުންނަށް ޑޮލަރު ދެނީ ކޮންބައެއްތޯ ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންފޯޗުނޭޓްލީ މީގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓުތައް. އޭގެ ތެރެއިން އެއް ފަރާތުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި، މި ދެންނެވި ރިސޯޓު ޗެއިނަކުން ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައި."
އިހުސާން ވިދާޅުވީ ބައެއް ރިސޯޓުތަކުން ކަޅު ބާޒާރަށް މާރުކޮށްފައި ހުރި އަދަދުތަކަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބޭރު ފައިސާ މާރުކުރަން ހަދާފައި އޮންނަ އުސޫލުގެ ދަށުން ބޭންކުތަކަށް މާރުކުރަން ޖެހޭ 20 ޕަސެންޓަށް ވުރެ ވެސް ބޮޑެތި އަދަދުތަކެއް ކަމަށެވެ.
އިހުސާން ވިދާޅުވީ، ފެންނަނީ އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހުމުން ޑޮލަރު ނުހުރެފައި ކަޅުބާޒާރަށް ނެރެން ޑޮލަރު ހުންނަތަން ކަމަށެވެ.
ހުއްދަ ނުނަގާ ބޭރު ފައިސާގެ އެކްސްޗޭންޖު ވިޔަފާރި ކުރުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ބެލެވުނު ނަމަވެސް، މިއީ ޖިނާއީ ކުށެއްކަން ތަކުރާރު ކުރައްވައި އިހުސާން ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ މީހުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. އިހުސާން ވިދާޅުވީ ޑޮލަރުން މުސާރަ ލިބޭ މީހާ ކަޅުބާޒާރަށް އެ ފައިސާ ވިއްކުމަކީ ވެސް އެފަދަ ކަމެއް ކަމަށެެވެ.
އިތުރަށް





.gif.gif&w=828&q=100)