logologologologo
STO
ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބޮޑެތި ރިސޯޓުތައް އެބަހުރި، އެއީ މަނީ ލޯންޑްރިންގެ ކުށެއް: އިހުސާން

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބޮޑެތި ރިސޯޓުތައް އެބަހުރި، އެއީ މަނީ ލޯންޑްރިންގެ ކުށެއް: އިހުސާން
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 24

ރާއްޖޭގެ ކަޅު ބާޒާރުގައި ޤާނޫނާ ޚިލާފަށް ޑޮލަރު ވިއްކާ ބޮޑެތި ރިސޯޓުތައް އެބަހުރި ކަމަށާއި، ކަމާބޭހޭ އޮތޯރިޓީތަކުގެ ހުއްދަ ނުނަގާ އެފަދަ ކަންކަން ކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން މަނީ ލޯންޑްރިންގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ޤާނޫނީ ގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ 63 މަނީ އެކްސްޗޭންޖު އުޅޭއިރު، އެއްވެސް ލައިސަންސެއް ނެތި ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރާ ގިނަ ތަންތަނެއްވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އިހުސާން ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ތަޙުޤީޤުކޮށް މަޢުލޫމާތު އެއްކުރެވުނު އެންމެ ހަތް ތަނަކުންވެސް ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި 76 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވަނީ ވިއްކާފައެވެ. ޤާނޫނު ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ވިޔަފާރިއެއް ހުއްދަނުނަގައި ކުރުމަކީ ޖިނާއީ ކުށަކަށްވާއިރު، އެފަދަ ޖިނާއީ ކުށެއް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމާއި އޭގެއިން އިތުރު ފައިދާ ހޯދުމަކީ މަނީ ލޯންޑްރިންގެ ކުށުގެ ތެރެއަށް ފެތޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހުއްދަ ނުހޯދާ ޑޮލަރު މާރުކުރާ ފަރާތްތަކުގެ ތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ މަޝްހޫރު ބޮޑެތި ރިސޯޓުތަކާއި ރިސޯޓު ޗެއިންތައް ހިމެނޭކަން ހާމަކުރައްވަމުން، ވަކި ތަނެއްގެ ނަން ފާހަގަނުކުރައްވައި އިހުސާން ވިދާޅުވީ އޭގެ ތެރެއިން އެންމެ ރިސޯޓު ޗެއިނަކުންވެސް ވޭތުވެދިޔަ ނުވަ މަސްދުވަސް ތެރޭ 4 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުންވެސް މިފަދަ ޣައިރުޤާނޫނީ ޑޮލަރުގެ މުއާމަލާތްތަކުގައި ބައިވެރިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ސަރުކާރުން މިއިން އެއްވެސް ކަމަކަށް ލުޔެއް ނުދޭނެ ކަމަށާއި، މި މައްސަލަތައް ފުރިހަމައަށް ބަލައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. އަދި ކަޅު ބާޒާރުގައި ކުރާ ކޮންމެ ޓްރާންސެކްޝަނަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފިޔަވަޅު އަޅާނެކަން ފާހަގަކުރައްވައި، މުސާރައިގެ ގޮތުގައި ޑޮލަރު ލިބޭ އާންމު ރައްޔިތުންވެސް ނޭނގި ތިބެ ޖިނާއީ ކުށެއްގެ ތެރެއަށް ވަދެވުނުނުދިނުމަށްޓަކައި ކަޅު ބާޒާރުގައި ޑޮލަރު ނުވިއްކުމަށާއި، އެމްއެމްއޭއިން ހުއްދަދީފައިވާ ތަންތަން މެދުވެރިކޮށް ކަނޑައަޅާފައިވާ ރަސްމީ ރޭޓުގައި އެކަން ކުރުމަށް އިހުސާން އިލްތިމާސްކުރެއްވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް