logologologologo
STO
ދުނިޔެ

އިސްރާއީލުން 16,500 އަށްވުރެ ގިނަ ފަލަސްތީނު މީހުންގެ ބޭސްފަރުވާއަށް ހުރަސް އަޅަނީ!

އިސްރާއީލުން 16,500 އަށްވުރެ ގިނަ ފަލަސްތީނު މީހުންގެ ބޭސްފަރުވާއަށް ހުރަސް އަޅަނީ!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 10

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު އުދުވާނުގައި އެ ސަރަހައްދުގެ ސިއްހީ ނިޒާމު މުޅިން ސުންނާފަތިކޮށްލާފައިވާއިރު، ކޮންމެހެން ބޭރުން ބޭސްފަރުވާ ކުރަންޖެހޭ 16,500 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޣައްޒާއިން ބޭރަށް ދިއުން އިސްރާއީލުން ހުއްޓުވާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ތުހުމަތުކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަމެއްގައި "ހަމަލާބަދަލުކުރުން ހުއްޓާލުމުގެ" އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ ބަލިމީހުން ފުރުން ހުރަސްއަޅައި، ފަރުވާ ލަސްކޮށްގެން އެމީހުން މަރަމުން ކަމަށް އަންގާރަ ދުވަހު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 73,000 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ސިއްހީ ނިޒާމު ހަލާކުކޮށްލުމާއި ބޯޑަރު ބަންދުކުރުން

އދ. ގެ މާހިރުންނާއި އެހީދޭ ޖަމާއަތްތަކުން ބުނާގޮތުގައި، އިސްރާއީލުން ދަނީ ޣައްޒާއަކީ އިންސާނުންނަށް ދިރިއުޅެން ނުކުޅެދޭ ފަދަ ފަސްގަނޑަކަށް ހެދުމަށްޓަކައި އެ ގައުމުގެ ސިއްހީ ނިޒާމު އެއްކޮށް ސުންނާފަތިކުރަމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެކްޓިންގ އަންޑަރސެކްޓްރީ މާހިރު ޝާމިއާ ވިދާޅުވީ، ގާތްގަނޑަކަށް ދެ އަހަރު ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ފެބްރުއަރީ މަހު ރަފަހް ބޯޑަރު ކޮންމެސް ވަރަކަށް ހުޅުވައިލި ނަމަވެސް، އިސްރާއީލުން ދަނީ އެކި ފަހަރު މަތިން އެ ބޯޑަރު ބަންދުކުރަމުންނެވެ. މިހާރު ފަލަސްތީނު މީހުންނަށް ބޯޑަރު ހުޅުވައިދެނީ ހަފުތާއަކު އެންމެ ތިން ދުވަހުއެވެ. އަދި އިސްރާއީލާ ގުޅޭ ކަރަމް އަބޫ ސާލިމް ބޯޑަރު ބަލިމީހުން އުފުލުމަށް ހުޅުވައިދެނީ ހަފުތާއަކު އެންމެ ދުވަހަކުއެވެ.

"މި ހާލަތުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުން. ބަލިމީހުން ފުރަން އޮތް މައިގަނޑު ދޮރާށި ކަމަށްވާ ރަފަހް ބޯޑަރު އެމީހުން ދަނީ ބަންދުކުރަމުން،" ޝާމިއާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިސްރާއީލުން ހަލާކުކޮށްލާފައިވާ ޣައްޒާގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަލުން އާރާސްތުކުރަން ފުރުސަތު ދީފިނަމަ، ބޭރުން ފަރުވާ ހޯދަންޖެހޭ ގިނަ ބަލިމީހުންނަށް ޣައްޒާގެ އެތެރޭގައިވެސް ފަރުވާ ދެވޭނެ ކަމަށެވެ.

ޣައްޒާގެ އިންސާނީ ކާރިސާ އާއި އދ. ގެ ގޮވާލުން

ޣައްޒާގެ އާބާދީގެ 90 އިންސައްތައާ ގާތްކުރާ އަދަދެއްގެ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު، އެ ސަރަހައްދަށް ބޭނުންވާ ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެކުރުމަށްވެސް އިސްރާއީލުން އަންނަނީ ހުރަސް އަޅަމުންނެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ޣައްޒާއަށް ވަންނަން ހުރި ހުރިހާ ބޯޑަރުތަކެއް ވަގުތުން ހުޅުވައި، ހުރަހެއްނެތް ގޮތަށް އެހީ އެތެރެކުރަން ފުރުސަތު ދިނުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ.

އދ. އާއި ޔޫރަޕްގެ އިއްތިހާދުން (އީޔޫ) ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންސާނީ ތަރައްގީ ވަނީ 77 އަހަރު ފަހަތަށް ސޮއްސައިލައިގެން ގޮސްފައެވެ. އަދި ޣައްޒާ އަލުން ބިނާކުރުމަށް 71 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ހުއްޓިފައިވާ ސުލްހައިގެ މަޝްވަރާތައް

އެމެރިކާ އާއި ސަރަހައްދީ ގައުމުތައް މެދުވެރިވެގެން އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދުވާލަކު އެހީ ހިފައިގެންދާ 600 ލޮރީ ޣައްޒާއަށް ވައްދަންޖެހެއެވެ. ނަމަވެސް ހަމާސްއިން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުން ދަނީ ގަސްތުގައި މި ތަކެތި އެތެރެވިޔަނުދީ ހިފަހައްޓަމުންނެވެ.

ހަމާސްގެ ހަތިޔާރު ބޭލުމަށާއި ޣައްޒާއިން އިސްރާއީލް ސިފައިން ފޭބުމާ މެދު އުފެދިފައިވާ ދެބަސްވުންތަކާ ހުރެ ސުލްހައިގެ މަޝްވަރާތައް ވަނީ ހުއްޓިފައެވެ. މިދިޔަ އާދިއްތަ ދުވަހު މިސްރުގައި މަޝްވަރާތަކުގެ އާ ބުރެއް ފަށާފައިވާއިރު، ހަމާސްއިން ބުނަމުންދަނީ އެއްވެސް ކުރިއެރުމެއް ލިބޭނީ އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް މުޅިން ހުއްޓާލުމުން ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް