logologologologo
STO
ދުނިޔެ

ޣައްޒާގައި ޝަހީދުވާ މީހުން ވަޅުލާނެ ބިން ހުސްވަނީ!

ޣައްޒާގައި ޝަހީދުވާ މީހުން ވަޅުލާނެ ބިން ހުސްވަނީ!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 23

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާއްމުގައި ޝަހީދުވަމުންދާ ހާސްބައިގިނަ ފަލަސްޠީނީން ވަޅުލާނެ އެކަށީގެންވާ ޖާގައެއް ނެތި، ގަބުރުސްތާނުތައް މުޅިން ފުރިއްޖެއެވެ.

ސިލްސިލާ ހަމަލާތަކާއި ބަންދުތަކުގެ ސަބަބުން ޢާންމު ޚިދުމަތްތައް މުޅިން ހުއްޓިފައިވާއިރު، ވަޅުލާނެ ބިމެއް ނުލިބިގެން ގިނަ އަދަދެއްގެ މައްޔިތުން ވަގުތީ ގޮތުން ވަޅުލާންޖެހިފައިވަނީ ގޭގޭގެ ގޯތިތެރޭގައާއި، ޚޭމާތައް ހުރި ސަރަޙައްދުތަކާއި، ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ ދަނޑުތަކުގައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި އުމުރުން 40 އަހަރުގެ މުޙައްމަދު އަލް-ސަވްހީގެ ހަށިގަނޑު ވަޅުލާނެ ތަނެއް ނުލިބިގެން، އޭނާގެ އާއިލާއަށް ޖެހުނީ ޒައިތޫން ގަބުރުސްތާނުގައިވާ އޭނާގެ ކާފަގެ ކައްވަޅު އަލުން ކޮނެގެން އެތަނުގައި ވަޅުލާށެވެ. އޭނާގެ ދަރިފުޅު އުމުރުން 20 އަހަރުގެ އޯމާ ބުނި ގޮތުގައި، ގަބުރުސްތާނުގައި އާ ކައްވަޅެއް ހަދާނެ ޖާގައެއް ނެތުމުގެ އިތުރުން، ސިމެންތިއާއި ގާތައް ނުލިބުމުގެ ސަބަބުންނާއި އަގުބޮޑުކަމުން ރީތިކޮށް ކައްވަޅު ހެދޭނެ ގޮތެއް ނެތެވެ. މިހާރު ގިނަ ކައްވަޅުތައް ފާހަގަކޮށްފައި ހުންނަނީ ހަމައެކަނި މައްޔިތާގެ ނަން ލިޔެފައިވާ ކަރުދާސްކޮޅަކާއި ގަލެއް ބާއްވައިގެންނެވެ.

ޣައްޒާގެ އެންޑޯމެންޓްސް މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 73,000 އަށްވުރެ ގިނަ ފަލަސްޠީނީން ޝަހީދުވެފައިވާއިރު، އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ 40 އަށްވުރެ ގިނަ ގަބުރުސްތާނު މުޅިން ހަލާކުކޮށްލާފައެވެ. މީގެ އިތުރުން، އިސްރާއީލުން ބާރުފޯރުވާ ސަރަޙައްދުތަކުގައިވާ ގަބުރުސްތާނުތަކަށް ވަނުން މަނާކުރުމާއި، ގެދޮރު ގެއްލިފައިވާ އެތައް ލައްކަ ބަޔަކު ގަބުރުސްތާނުތަކުގެ ބިންތަކުގައި ހިޔާވަހިކަން ހޯދަމުންދިއުމަކީވެސް ޖާގައިގެ ދަތިކަން ބޮޑުވި މުހިންމު ސަބަބެކެވެ. މެޓީރިއަލް ނުލިބުމުގެ ސަބަބުން މިހާރު ކައްވަޅެއްގެ އަގު ވަނީ 700 އާއި 1,000 ޝެކެލް (235 އާއި 335 އެމެރިކާ ޑޮލަރު) އާ ދެމެދުގެ އަގަކަށް އުފުލިފައެވެ.

ޚާން ޔޫނިސް ގަބުރުސްތާނުގައި 19 އަހަރު ވަންދެން ކައްވަޅު ކޮނުމުގެ މަސައްކަތްކުރި ތާފޭޝް ބުނީ މިއީ އޭނާގެ ހަޔާތުގައިވެސް ދުށް އެންމެ ހިތާމަވެރި އަދި ނުރައްކާތެރި ދުވަސްވަރު ކަމަށެވެ. ހަނގުރާމަ ފެށުނުއިރު 60 ކައްވަޅު ހުރި އެ ގަބުރުސްތާނުގައި މިހާރު 6,000 އަށްވުރެ ގިނަ މީހުން ވަޅުލާފައިވާއިރު، ބައެއް ދުވަސްދުވަހު ދުވާލަކު 35 ކައްވަޅު ކޮންނަންޖެހެއެވެ. ޝަހީދުވާ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކުރަމުން އޭނާ ބުނީ، އިސްރާއީލުން ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮއްލުމުން، އެ ސުންނާފަތިކޮއްލި އިމާރާތްތަކުގެ ގާބުރިތައް ބޭނުންކޮށްގެން ކައްވަޅުތައް ހަދަންޖެހުމަކީ އިންތިހާއަށް އަސަރުކުރާ ކަމެއް ކަމަށެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެމެރިކާ މެދުވެރިވެގެން ވެވުނު ހަމަލާތައް މަޑުޖައްސާލުމުގެ އެއްބަސްވުމަށްފަހުވެސް 1,200 އަށްވުރެ ގިނަ ފަލަސްޠީނީން ޝަހީދުވެފައިވާއިރު، ހޮސްޕިޓަލްތަކުގެ ގޯތިތެރޭގައި ހުރި 7 ޖަމާއީ ކައްވަޅަކުން 529 މީހުންގެ ހަށިގަނޑު ވަނީ ނަގާފައެވެ. ކަމާބޭހޭ އިދާރާތަކުން ދަނީ އާ ގަބުރުސްތާނުތައް ހެދުމަށް ބިންތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް