ދެ ފަހަރަށް ހަޔާތުގެ ބައިވެރިޔާއާއި ކުދިން ގެއްލުނު ޣައްޒާގެ މަންމައެއްގެ ހިތްދަތި، އަސަރުގަދަ ދިރިއުޅުން

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި އެތައް ހާސް ބައެއްގެ ދިރިއުޅުން އެކީއެކަށް ވީރާނާވެގެން ގޮސްފައިވާއިރު، އުމުރުން އެންމެ 34 އަހަރުގެ ނިސްރީން ތޫމާންގެ ދިރިއުޅުމަކީ އަޑުއަހާ ކޮންމެ އިންސާނެއްގެ ހިތް ކަފަކަފާވެގެންދާފަދަ ހިތާމަވެރި ދާސްތާނެކެވެ. އިސްރާއީލުގެ އުދުވާނުގައި އޭނާގެ ދެ ފިރިންނާއި، ދެ ދަރިން އަދި އާއިލާގެ އެތައް ބަޔަކު ޝަހީދުވެ، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ހަޔާތުގެ ބައިވެރިޔާ ގެއްލުމުގެ ހިތްދަތިކަން ތަހައްމަލުކޮށްފައެވެ.
އުފާވެރި އާއިލީ ދިރިއުޅުމެއް އުޅެމުންދިޔަ ނިސްރީންގެ ހަޔާތް އެކީއެކަށް ބަދަލުވެގެންދިޔައީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. ނުސީރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އެ މީހުންގެ ގޭގައި ތިއްބައި، އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ނުރައްކާތެރި ހަމަލާއެއްގައި އޭނާގެ ފިރިމީހާ ސާމީ (35 އަހަރު) ގެ ބޮލަށް އަމާޒުކޮށް ބަޑިޖަހައި ވަނީ ޝަހީދުކޮށްލާފައެވެ. އެއަށްފަހު، އެ ގެއަށް ދިން ވައިގެ ހަމަލާއެއްގައި ނިސްރީންގެ ލޯބިވާ ދެ ދަރިން ކަމަށްވާ މަހްމޫދު (5 އަހަރު) އާއި ލައިތު (2 އަހަރު) ގެ ފުރާނަވެސް ވަނީ ނިގުޅައިގެންފައެވެ. އެ ދުވަހުގެ ހަމަލާގައި ނިސްރީންގެ އާއިލާގެ 18 މީހަކު ޝަހީދުވިއިރު، ދެ ގަޑިއިރު ވަންދެން އޭނާ އިނީ ލޭތަކުން ތަގައްޔަރުވެފައިވާ އޭނާގެ ދެ ދަރިންގެ ފުރާނަނެތް މަސްކޮޅު އުނގަށްލައިގެން، ބޭރުން ބޮންއަޅަމުންދިޔަ އަޑަށް ގަނޑުވެފައެވެ.
އެ ބޮޑު ހިތާމައިގެ ތެރޭގައި ދުވަސްތައް ތަހައްމަލުކުރަމުންދަނިކޮށް، ހަތަރު މަސް ދުވަސް ފަހުން ނިސްރީންގެ ހަޔާތަށް އިތުރު އިމްތިހާނެއް ކުރިމަތިވިއެވެ. އެ ހަމަލާގައި ޝަހީދުވި އޭނާގެ އަންހެންކޮއްކޮގެ ފިރިމީހާ (އަދި ފުރަތަމަ ފިރިމީހާގެ ބޭބެ) މުހައްމަދު ވަނީ، ކޮއްކޮގެ ޔަތީމުވި ހަތަރު ކުދިން ބެލެހެއްޓުމަށްޓަކައި ނިސްރީންއާ ކައިވެނިކުރުމަށް އެދިފައެވެ. ކައިވެނިކުރަން ފުރަތަމަ ދެކޮޅު ހެދިނަމަވެސް، ކޮއްކޮގެ ކުދިންނަށް މަންމައެއްގެ ލޯބި ދިނުމުގެ ނިޔަތުގައި ނިސްރީން އެ ކައިވެންޏަށް އެއްބަސްވިއެވެ. ކައިވެންޏަށް އަށް މަސްވީތަނާ، އަނެއްކާވެސް ނިސްރީންގެ ބޯމައްޗަށް އަނދިރިކަންވެރިވިއެވެ. 2025 ވަނަ އަހަރުގެ ޖުލައި 8 ގައި އިސްރާއީލުން ދިން ހަމަލާއެއްގައި އޭނާގެ ދެވަނަ ފިރިމީހާ މުހައްމަދުވެސް ވަނީ ޝަހީދުވެފައެވެ.
އެ ވަގުތު ނިސްރީން އިނީ މުހައްމަދުގެ ދަރިއަކަށް ބަނޑުބޮޑުވެއެވެ. ފިރިމީހާ ޝަހީދުވިތާ ހަތަރު މަސް ފަހުން ނިސްރީން ވިހެއީ އަންހެން ކުއްޖެކެވެ. ސިދްރާގެ ނަމުން ނަންދެވުނު އެ ތުއްތު ދަރިފުޅަކީ ވޭތުވެދިޔަ ތިން އަހަރު އޭނާ ތަހައްމަލުކުރި ފުން ހިތާމައަށް ލިބުނު ކުޑަ ނަމަވެސް ތަސައްލީއެކެވެ. ނަމަވެސް، އެ ތުއްތު ކުއްޖާ ބައްޕައެއްގެ ލޯބިން މަހުރޫމްވެގެން ބޮޑުވާންޖެހޭތީ ނިސްރީންގެ ހިތުގައި އަދިވެސް ވަނީ ފިލުވައިނުލެވޭނެ ފަދަ އިންތިހާ ތަދެކެވެ.
"ކޮންމެ ރެޔަކުވެސް ނިދެނީ ރޮއިރޮއި ހުރެ. އަހަރެންގެ ހަޔާތުގައި މި ދިމާވި ކަންތައްތަކަކީ ހީވާ ގޮތުން ފިލްމެއްގައި މެދުވެރިވާނެ ފަދަ ކަންކަން. ނަމަވެސް، އިސްރާއީލުގެ މި ރާއްޖެއިން ބޭރުގެ އުދުވާނީ ހަނގުރާމައިގެ ދަށުގައި ކޮންމެ ފަދަ ދެރައެއްވެސް ލިބިދާނެ،" ރޮމުން ނިސްރީން ކިޔައިދިނެވެ.
މިއަދު ނިސްރީން ދިރިއުޅެމުންދަނީ އޭނާގެ އަމިއްލަ އާއިލާއާއެކު ތުއްތު ސިދްރާ ގޫބަލަމުންނެވެ. އޭނާގެ މުޅި ހަޔާތް ވީރާނާވެ، އާއިލާގެ އެތައް ބަޔަކު ގެއްލިގެންދިޔަ ނަމަވެސް، އޭނާގެ ހަމައެކަނި އުންމީދަކީ ދަރިފުޅަށް ރައްކާތެރި މުސްތަގުބަލެއް ހޯދައިދިނުމެވެ.
އިތުރަށް





.gif.gif&w=828&q=100)