ޣައްޒާގައި ހިނގަމުންދާ ގަތުލުއާމަށް 3 އަހަރު: ހިސާބުތަކުން ފެންނަނީ އިންސާނީ ތާރީޚު ނުދެކޭފަދަ ބިރުވެރި، އަސަރުގަދަ ހަގީގަތެއް!

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ މަައުސޫމް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުނައްތާލުމުގެ ގަތުލުއާންމަށް ތިން އަހަރު ފުރިގެންދިޔައިރު، މުޅި ޣައްޒާ ވަނީ އިންސާނީ ކަރާމާތާއި ދިރިއުޅުމުގެ އެންމެހައި ނިޝާންތަކުން މަހުރޫމްވެ، ކަރުނައާއި ލޭގެ ސަހަރާއަކަށް ބަދަލުވެފައެވެ. 2023 އޮކްޓޯބަރު 7 ގައި ފެށި މި އުދުވާނުގައި، އިސްރާއީލުން ވަނީ ޣައްޒާގެ 2.3 މިލިއަން އާބާދީ ކުޑަކަށީމެލައި، މުޅި ސަރަހައްދު ސުންނާފަތިކޮށްލާފައެވެ.
ތިން އަހަރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާވެރިކޮށް މަރާލާފައިވާ ފަލަސްތީނީންގެ އަދަދު މަދުވެގެން 74،000 އަށް އަރައެވެ. އޭގެ ތެރޭގައި 21،000 އަށްވުރެ ގިނަ މައުސޫމް ކުޑަކުދިން ހިމެނެއެވެ. މިއީ ޣައްޒާގެ އާބާދީގެ ކޮންމެ 30 މީހަކުން އެކަކެވެ. މީގެއިތުރުން، 175،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން 24 އިންސައްތަ މީހުންނަކީ މުޅި އުމުރަށް ނުކުޅެދޭ ހާލަތަށް ގޮސްފައިވާ މީހުންނެވެ. އިސްރާއީލުން ސޮއިކުރި "ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް" އަހަރެއް ވެފައިވީނަމަވެސް، އެ އެއްބަސްވުމާ ހިލާފަށް ދެމުންދާ ހަމަލާތަކުގައި އެކަނިވެސް 1,400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ޣައްޒާގެ އިންސާނީ ވަސީލަތްތަކާއި އަސާސީ ޚިދުމަތްތައް ވަނީ އެކީއެކަށް ހަލާކުކޮށްލާފައެވެ. ސިއްހީ ޚިދުމަތްދޭ ތަންތަނުގެ 94 އިންސައްތަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. އަދި އާބާދީގެ 91 އިންސައްތަ މީހުން ބޯފެނަށް ޖެހިފައިވާއިރު، ކޮންމެ މީހަކަށް ދުވާލަކަށް ލިބެނީ އެންމެ 6 လީޓަރަށްވުރެ މަދު ފެންފޮދެކެވެ. މުޅި ޣައްޒާގެ އިމާރާތްތަކުގެ 82 އިންސައްތަ ސުންނާފަތިވެ، 1.98 މިލިއަން (އާބާދީގެ 90 އިންސައްތަ) މީހުން ވަނީ އަމިއްލަ ފަސްގަނޑުގައި ހާލުގައިޖެހި، ގެދޮރުނެތިފައެވެ. އަދި 93 އިންސައްތަ ސްކޫލްތައް ހަލާކުވެ، 700،000 އަށްވުރެ ގިނަ ކުދިންގެ ތައުލީމީ މުސްތަގުބަލު ވަނީ އަނދިރިވެފައެވެ.
މި ބިރުވެރި ހަގީގަތްތައް ދުނިޔެއަށް ތިލަކޮށްދިނުމުގެ ތެރޭގައި 300 އަށްވުރެ ގިނަ ނޫސްވެރިން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އަލްޖަޒީރާގެ 12 ނޫސްވެރިއަކުވެސް ހިމެނެއެވެ. ޣައްޒާގެ މަގުތަކުގައި މިއަދު އިވެނީ ހަމައެކަނި ކަރުނައާއި، ޔަތީމުވި ކުދިންގެ ރޮއިގަންނަ އަޑާއި، ކޮންމެ ދުވަހަކު އާއިލާގެ ފުރާނަތައް ގެއްލެމުންދާ މައިންބަފައިންގެ ހިތްދަތި ގާސިމްތަކުގެ އަޑެވެ. މުޅި ދުނިޔެ ހިމޭނުން އޮތްއިރު، ޣައްޒާގެ ނަސްލުނައްތާލުމުގެ ހިތި ތާރީޚު ދަނީ ކޮންމެ ސިކުންތަކު ލިޔެވެމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)