logologologologo
STO
ކުޅިވަރު

ވޯލްޑް ކަޕްގައި އީރާނު ސަޕޯޓަރުންނަށް ދޭން އޮތް ޓިކެޓް ކޯޓާ އެމެރިކާއިން ކެންސަލްކޮށްފި ކަމަށް ބުނެފި

ވޯލްޑް ކަޕްގައި އީރާނު ސަޕޯޓަރުންނަށް ދޭން އޮތް ޓިކެޓް ކޯޓާ އެމެރިކާއިން ކެންސަލްކޮށްފި ކަމަށް ބުނެފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 10

އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި، އީރާނުގެ ގައުމީ ޓީމު ކުޅޭ މެޗުތަކަށް އެ ގައުމުގެ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ޓިކެޓް ކޯޓާ އެމެރިކާއިން ބާތިލްކޮށްފައިވާ ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން (އެފްއެފްއައިއާރް) ބުނެފިއެވެ. އީރާނުން ވަނީ މިއީ ސިޔާސީ ހަސަދަވެރިކަމެއްގެ ތެރެއިން އެ ގައުމުގެ ސަޕޯޓަރުންނަށް ހުރަސްއެޅުމަށް އެމެރިކާއިން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އަންގާރަ ދުވަހު އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޯލްޑް ކަޕް ފެށެން އެންމެ ތިން ދުވަހަށް ވެފައިވަނިކޮށް، އެމެރިކާގައި ކުޅޭ އީރާނުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗަށް ސަޕޯޓަރުން ވަނުމަށް ހުރަސްއެޅުމުގެ ގޮތުން އެމެރިކާއިން އަނެއްކާވެސް ނޭދެވޭ ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ.

ފާގެ ގަވާއިދާ ހިލާފު ކަމެއް

ފީފާގެ ގަވާއިދުތައް ބުނާގޮތުން، މުބާރާތުގައި ވާދަކުރާ ކޮންމެ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނަކަށް، އެ ގައުމެއް ކުޅޭ މެޗުތައް ބާއްވާ ސްޓޭޑިއަމްގެ ޖާގައިގެ 8 އިންސައްތަ ޓިކެޓް ހާއްސަކުރަންޖެހެއެވެ. އީރާނުން ބުނީ އެ ގައުމަށް ލިބުނު ކޯޓާއާއެކު ނިއުޒިލޭންޑް، ބެލްޖިއަމް އަދި މިސްރާ (އެޖިޕްޓް) އާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ޓިކެޓް ސަޕޯޓަރުންނަށް ވިއްކަން ފަށާފައިވަނިކޮށް، ކުއްލި ގޮތަކަށް އެމެރިކާއިން އެ ކޯޓާ އަތުލާފައިވާ ކަމަށެވެ.

މި ފިޔަވަޅުގެ ސަބަބުން މިހާރު ސަޕޯޓަރަކަށް އެންމެ ޓިކެޓެއްވެސް ފޯރުކޮށްދެވޭނެ ގޮތް ނެތް ކަމަށް އެ ފެޑެރޭޝަނުން ބުންޏެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ރޫހާ ހިލާފު އަދި ހަމަހަމަކަމުގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ބުނެ، އީރާނުން ވަނީ ފީފާއިން މިކަމުގެ ތެރެއަށް ވަދެ، ސިޔާސީ ނުފޫޒުން އެއްކިބާވެ، ހަމަހަމަކަން ގާއިމްކޮށްދިނުމަށް ގޮވާލާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ފީފާއިން ނުވަތަ އެމެރިކާގެ އިންތިޒާމްކުރާ ކޮމިޓީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވިސާގެ މައްސަލަތަކާއި ކެމްޕު ބަދަލުކުރުން

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދެގައުމުގެ ދެމެދުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު، އެމެރިކާއިން ދަނީ އީރާނުގެ ޓީމަށް ގިނަ ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ. އީރާނުގެ ކުޅުންތެރިންނާއި ބައެއް އޮފިޝަލުންނަށް ވިސާ ލިބިގެން މިދިޔަ އާދިއްތަ ދުވަހު މެކްސިކޯއަށް ގޮސްފައިވީ ނަމަވެސް، ޓީމުގެ މެނޭޖްމަންޓް އަދި އިދާރީ ގާތްގަނޑަކަށް 15 އޮފިޝަލަކަށް އެމެރިކާއިން ވިސާ ދޭން ވަނީ ދެކޮޅު ހަދާފައެވެ.

މި ހޫނު ބަހުސްތަކާ ގުޅިގެން، އީރާނުން ވަނީ ކުރިން އެމެރިކާގެ އެރިޒޯނާގެ ޓޫސަންގައި ކުރިއަށްގެންދަން ރޭވި ވޯލްޑް ކަޕް ޓްރެއިނިންގ ކެމްޕު، މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިހުއާނާއަށް ބަދަލުކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް