logologologologo
STO
ޚަބަރު

ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 09

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 

ކޯޓުން މިއަދު ހުކުމްކުރީ ޝަމްއާންގެ މައްޗަށް ކުރި ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަދި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާތީ 25 އަހަރަށް ޖަލަށްލުމަށެވެ. 

އެއީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމަކާއި ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އަދަބެއްގެ ގޮތުން 8 އަހަރުގެ ޖަލު ހުކުމަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަދަބެއްގެ ގޮތުން 2 އަހަރުގެ ޖަލު ހުކުމެކެވެ. 

އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ޝަމްއާން ވަނީ ނުވަ މަހާއި 10 ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. އެހެންވެ، އެ ބައި އަދަބުން އުނިކުރަން ހުކުމުގައި އަންގާފައިވެ އެވެ. 

ޖަލަށްލުމުގެ އިތުރުން ޝަމްއާން ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި އަދި ބިދޭސީ މީހާގެ އަތުން ފޭރިގަތް ފަސްލައްކަ ރުފިޔާ ތިން މަސް ތެރޭގައި އެމީހާއަށް އަނބުރާ ދެއްކުމަށް ވެސް ހުކުމްގައި އަންގާފައިވެ އެވެ. 

ޝަމްއާންގެ މައްޗަށް އިއްވި ހުކުމްގައިވާ ގޮތުން ދައުލަތުން ހުށަހެޅި ހެކިތަކުން، ބިދޭސީއެއްގެ އަތުން ފޭރިގަތް ކަމާއި އަދި އެ ފޭރުމުގައި ޝަމްއާން ބައިވެރިވެފައިވާ ކަން އެނގެ އެވެ. އަދި އޭނާގެ ރަސްމީ ހައިސިއްޔަތު ނުނިޔަތެއްގައި ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. 

އެ ބިދޭސީ މީހާ އަތުލައިގަނެ އަދި އޭނާ ދޫކޮށްލުމުގައި ޝަމްއާން އަމަލުކޮށްފައިވަނީ ވަކި މީހަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް ކަމަށް އެ ހުކުމްގައިވެ އެވެ. އަދި ބިދޭސީ މީހާގެ އަތުން ފައިސާ ފޭރިގަނެގެން، ކުށްކޮށްގެން ހޯދި ފައިސާ ޝަމްއާން ބަލައިގަނެ، އޭނާގެ އަތުގައި ބަހައްޓާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. 

އަދި އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގިހުރެ އެ ފައިސާ ޝަމްއާން ބޭނުންކޮށްފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް