logologologologo
STO
ކުޅިވަރު

ވިހި އަހަރަށްފަހު ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކޮށް، ޕެރޭޒް އަލުން ރެއާލްގެ ރައީސްކަމަށް

ވިހި އަހަރަށްފަހު ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކޮށް، ޕެރޭޒް އަލުން ރެއާލްގެ ރައީސްކަމަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 08

ރެއާލް މެޑްރިޑްގެ ތާރީޚުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ބޭއްވި ފުރަތަމަ ވާދަވެރި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އެ ކްލަބްގެ މިހާރުގެވެސް ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަލުން މަގާމަށް އިންތިހާބުވެއްޖެއެވެ. ވޯޓުގެ ރަސްމީ ނަތީޖާ ކްލަބުން އަދި އިއުލާން ނުކުރި ނަމަވެސް، ޕެރޭޒާ ވާދަކުރެއްވި ޒުވާން ވިޔަފާރިވެރިޔާ އެންރީކޭ ރިކޭލްމޭ ވަނީ ނާކާމިޔާބީ ގަބޫލުކުރައްވައި ޕެރޭޒަށް މަރުހަބާ ދަންނަވާފައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން އުމުރުން 79 އަހަރުގެ ޕެރޭޒް ވިދާޅުވީ، މިއަދު ކާމިޔާބު ހޯދީ ރެއާލް މެޑްރިޑުން ކަމަށާއި ދުނިޔެއަށް ދައްކުވައިދިނީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ. ފާއިތުވި ދެ ސީޒަނުގައި ރެއާލަށް އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުން ކްލަބްގެ މެމްބަރުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން، ޕެރޭޒް އަމިއްލައަށް އިންތިހާބަކަށް ގޮވާލެއްވީ މެމްބަރުންގެ އިތުބާރު އަލުން ހޯއްދެވުމުގެ ބޭނުމުގައެވެ.

މިއީ 2006 ވަނަ އަހަރަށްފަހު ރެއާލްގައި ވާދަވެރި ކެންޑިޑޭޓަކު ނުކުމެ ބޭއްވި ފުރަތަމަ އިންތިހާބެވެ. ޕެރޭޒް އެންމެ ފަހުން ބޭއްވި ފަސް އިންތިހާބުވެސް (2009، 2013، 2017، 2021 އަދި 2025) ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓަކު ނެތިއެވެ.

މި ފަހަރުގެ ކެމްޕޭނުގައި ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ވަނީ ބޮޑެތި ވައުދުތަކެއް ވެފައެވެ:

  • ފްލޮރެންޓީނޯ ޕެރޭޒްގެ ވައުދުތައް: ކްލަބްގެ ކޯޗަކަށް އަލުން ހޯޒޭ މޮރީނިއޯ ގެނައުމާއި، ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އާއި ޑެންޒެލް ޑަމްފްރީސްގެ ސޮއި ހޯދުން ހިމެނެއެވެ. މީގެ އިތުރުން 150 މިލިއަން ޔޫރޯގެ އަގުހުރި ވަރުގަދަ ފޯވާޑެއް ގެންނާނެ ކަމަށްވެސް ވައުދުވެވަޑައިގަތެވެ.
  • އެންރީކޭ ރިކޭލްމޭގެ ވައުދުތައް: އުމުރުން 37 އަހަރުގެ ރިކޭލްމޭގެ ކެމްޕޭނަކީ ކޯޗަކަށް ޔާގަން ކްލޮޕް ގެނައުމާއި، މެންޗެސްޓާ ސިޓީގެ ތަރިން ކަމަށްވާ އާލިން ހާލަންޑާއި ރޮޑްރީ ކްލަބަށް ގެނައުމެވެ.

ޕެރޭޒްގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި (2000-2006) ލުއިސް ފީގޯ، ޒައިނުއްދީން ޒިދާން، ރޮނާލްޑޯ ނަޒާރިއޯ އަދި ޑޭވިޑް ބެކަމް ފަދަ "ގަލަކްޓިކޯސް" ތަރިން ގެނައި ނަމަވެސް، ފަހުން ދިމާވި ނާކާމިޔާބީތަކާ ހުރެ 2006 ގައި އިސްތިއުފާ ދެއްވިއެވެ. ނަމަވެސް 2009 ގައި އަލުން ހަވާލުވެ، އޭނާގެ ރައީސްކަމުގައި ރެއާލުން ވަނީ 6 ފަހަރު ޗެމްޕިއަންސް ލީގާއި ލަ ލީގާ ކާމިޔާބުކޮށްފައެވެ.

އަލަށް ފެށުނު މި ދައުރުގައި ކްލަބްގެ މާލީ ހާލަތު ވަރުގަދަކުރުމަށްޓަކައި، ކްލަބްގެ އޯނާޝިޕް އޮނިގަނޑަށް ބަދަލެއް ގެނެސް، މެމްބަރުންގެ ރުހުމާއެކު ކްލަބްގެ 5 އިންސައްތަ ހިއްސާ ބޭރުގެ ބޮޑު އިންވެސްޓަރަކަށް ވިއްކާލުމަށް ޕެރޭޒް މިހާރު ދަނީ ރާވަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް