logo
logo
ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކި ކުރި ޒަބީ އެލޯންސޯ - ފޮޓޯ: އޭޕީ ނިއުސް

ރެއާލްގެ ކޯޗުކަމުން އަލޮންސޯ ވަކިކޮށްފި

2026 ޖެނުއަރީ 13
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ހުރި ޒަބީ އަލޮންސޯ، ވަކިކޮށްފައިވާކަން އެ ކްލަބުން އިއުލާނުކޮށްފި އެވެ.

އެލޮންސޯ ރެއާލްގެ ކޯޗުކަމުން ވަކިވެފައި މިވަނީ، ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލުގައި ބާސެލޯނާއާ ވާދަކޮށް ކުރިމަތިވި ނާކާމިޔާބީއާ އެކުގައެވެ. ސުޕާ ކަޕްގެ ފައިނަލުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް މި މެޗުން އެ ޓީމު ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.

ކުރިން ބަޔާ ލެވަކޫސަނަށް ކޯޗުކޮށްދިން އަލޮންސޯ އަށް ފާއިތުވި މަސްތަކުގައި ވަނީ ރެއާލްގެ ކޯޗުގެ މަގާމުގައި ހުންނަން ޕްރެޝަރު ބޮޑުވެފަ އެވެ. ހާއްސަ ގޮތެއްގައި ރެއާލަށް ސްޕެނިޝް ލީގުގެ ރޭހުގައި ކުރިއަށް ނުދެވި، ވާދަވެރި ބާސެލޯނާގެ ފަހަތަށް ވެއްޓުނު ފަހުން، އަލޮންސޯ، ރެއާލްގެ ކޯޗުކަމުން ވަކިކުރާ ވާހަކަތައް ތަކުރާރުކޮށް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

ރެއާލް އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން 44 އަހަރުގެ އެލޮންސޯ، ރެއާލްގެ ކޯޗުކަމުގެ މަގާމުން ވަކިވެފައިވަނީ ދެ ފަރާތުން ކުރެވުނު މަޝްވަރާތަކަށްފަހު ވެވުނު އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.

އަދި ރެއާލްގެ ވެރިންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތުގައި އެލޮންސޯއަށް އަބަދުވެސް ޙާއްސަ މަގާމެއް، ކްލަބްގެ ލެޖެންޑެއްގެ ގޮތުގައި އޮންނާނެ ކަމަށާއި ރެއާލް އަކީ އަބަދުވެސް އެލޮންސޯގެ "ހޯމް" އަށް ވާނެކަމަށް ރެއާލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރެއާލަށް އަލޮންސޯ ކޯޗުކޮށްދިން 34 މެޗުގެ ތެރެއިން އެ ޓީމުން ވަނީ 24 މެޗުން މޮޅުވެފަ އެވެ. ހަ މެޗުން ބަލިވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް