logologologologo
STO
ކުޅިވަރު

އަލްވަރޭޒް ހޯދުމަށް ރެއާލް މެޑްރިޑުން ހުށަހެޅި 130 މިލިއަން ފައުންޑްގެ ބިޑް އެތުލެޓިކޯއިން ބޭރުކޮށްލައިފި

އަލްވަރޭޒް ހޯދުމަށް ރެއާލް މެޑްރިޑުން ހުށަހެޅި 130 މިލިއަން ފައުންޑްގެ ބިޑް އެތުލެޓިކޯއިން ބޭރުކޮށްލައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 10

ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ހޯދުމަށް ރެއާލް މެޑްރިޑުން ހުށަހެޅި 150 މިލިއަން ޔޫރޯ (130 މިލިއަން ފައުންޑް) ގެ ބޮޑު ހުށަހެޅުން އެތުލެޓިކޯއިން ބޭރުކޮށްލައިފިއެވެ.

ރެއާލް މެޑްރިޑްގެ ރައީސްކަމުގެ މަގާމު މިދިޔަ އާދިއްތަ ދުވަހު އަލުން ކާމިޔާބު ކުރެއްވި ފްލޮރެންޓީނޯ ޕެރޭޒް ވަނީ، އޭނާ ހޮވިއްޖެނަމަ ނަން ހާމަނުކުރާ "ގަލަކްޓިކޯ" (މަޝްހޫރު) ކުޅުންތެރިއަކަށް 150 މިލިއަން ޔޫރޯ ހުށަހަޅާނެ ކަމަށް ކެމްޕެއިންގައި ވައުދުވެވަޑައިގަންނަވާފައެވެ. މަގާމު ދިފާއުކުރެއްވުމަށްފަހު ޕެރޭޒް ވަނީ އޭނާގެ ވައުދާ އެއްގޮތަށް 26 އަހަރުގެ އަލްވަރޭޒް ހޯދަން ރަސްމީކޮށް ހުށަހަޅާފައެވެ. ނަމަވެސް އެތުލެޓިކޯއިން ވަނީ އެ ބިޑް ބޭރުކޮށްލައި، އަލްވަރޭޒްގެ ކޮންޓްރެކްޓްގައިވާ 500 މިލިއަން ޔޫރޯ (430 މިލިއަން ފައުންޑް) ގެ ރިލީޒް ކްލޯޒް ދެއްކުމަށް ރެއާލްއަށް އަންގާފައެވެ.

މި ހުށަހެޅުމާ ގުޅިގެން ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނީ، ދެ ކްލަބުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން އެތުލެޓިކޯއަށް ހުށަހެޅި ބިޑް އެ ކްލަބުން ބޭރުކޮށްލާފައިވާ ކަމަށާއި، ކުޅުންތެރިޔާ ދޫކުރާނީ ރިލީޒް ކްލޯޒް ދެއްކުމުން ކަމަށް އެތުލެޓިކޯއިން ބުނެފައިވާ ކަމަށެވެ.

ނަމަވެސް މި ބަޔާނަށް ރައްދުދީ އެތުލެޓިކޯ މެޑްރިޑުން ވަނީ އެކްސްގައި ރެއާލްއަށް ވަރަށް ބޮޑަށް މަލާމާތްކޮށް، ހޭނި އިމޯޖީތަކަކާއެކު ޕޯސްޓުތަކެއް ކޮށްފައެވެ.

"ތިޔަ ބޭފުޅުންނަށް އަދަބުވެރިކަމާއި ޝުކުރުވެރިވުން އޮޅުނީ ކަމަށް ވެދާނެ. އެކަމަކު ސާފުކޮށްދިނުމުގެ ގޮތުން ބުނަން: އަހަރެމެން އެއްވެސް ކަމަކަށް ތިޔަ ބޭފުޅުންނަށް ޝުކުރެއް އަދާނުކުރަން. އަހަރެމެން ހޫލިއަންއަށް ހުށަހަޅާ އެއްވެސް ބިޑެއް ދިރާސާއެއްވެސް ނުކުރާނަން." އެތުލެޓިކޯގެ ޕޯސްޓުގައިވެއެވެ.

އެތުލެޓިކޯއިން ވަނީ ރެއާލްގެ ރައީސް ޕެރޭޒް އާއެކު އޮތް 'ރަނގަޅު ގުޅުމުގެ' ބޭނުން ހިފައި، އެތުލެޓިކޯގެ އެކަޑެމީން ކުޅުންތެރިން "ވަގަށް ނެގުން" ހުއްޓާލުމަށްވެސް ރެއާލް މެޑްރިޑަށް ގޮވާލާފައެވެ.

މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވާޑް އަދި 2022 ވަނަ އަހަރު އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އަލްވަރޭޒް އެތުލެޓިކޯއަށް ބަދަލުވީ 2024 ވަނަ އަހަރު 81.5 މިލިއަން ފައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި އެތުލެޓިކޯއަށް ކުޅުނު 49 މެޗުގައި 20 ގޯލު ޖަހައި، އެ ކްލަބު ލަލީގާގެ ހަތަރުވަނައިގައި ނިންމާލުމަށާއި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްދިނުމަށް އެހީތެރިވެދީފައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް