ޔަމާލްގެ މޮޅުކުޅުމާއެކު ވެލެންސިއާ ކޮޅަށް ބާސެލޯނާއިން 5 ގޯލު ޖަހައި ބޮޑު މޮޅެއް ހޯދައިފި

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން ލާލީގާގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.
މި މެޗުގައި ބާސެލޯނާގެ ފެރްމީން ލޯޕޭޒް ވަނީ އެއް ގޯލު ޖަހައި، އިތުރު ދެ ގޯލު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. މީގެއިތުރުން ލަމީން ޔަމާލް ދެ ގޯލު ކާމިޔާބުކުރިއިރު، ރަފީނިއާ އަދި ޕެޑްރީ ކުރެން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފައެވެ.
މެޗު ފެށިގެން ހަވަނަ މިނެޓުގައި ފެރްމީން ތަނަވަސްކޮށްދިން ފުރުސަތަކުން ޔަމާލް ވަނީ އުނދަގޫ ކޯނަކުން ބޯޅަ ގޯލުގެ ތެރެއަށް އޮއްސާލައިގެން ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން 22 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ދިން ބޯޅައަކުން ފެރްމީން ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައި ނަތީޖާ 2-0 އަށް ބަދަލުކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން 50 ވަނަ މިނެޓުގައި ފެރްމީން ނަގައިދިން ހުރަހަކުން ރަފީނިއާ ތިންވަނަ ގޯލު ކާމިޔާބުކުރިއިރު، މެޗުގެ 79 ވަނަ މިނެޓުގައި ޕެޑްރީ ވަނީ ބާސެލޯނާގެ ހަތަރުވަނަ ގޯލު ޖަހާފައެވެ. އާސެނަލްއިން ބާސެލޯނާއަށް ބަދަލުވި ގެބްރިއަލް ޖޭސޫސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އޭނާގެ ފުރަތަމަ މެޗު ކުޅުނުއިރު، މެޗު ނިމެން ދަނިކޮށް ޔަމާލް ވަނީ އޭނާގެ ދެވަނަ ގޯލާއެކު މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްދީފައެވެ.
މި މޮޅާއެކު ބާސެލޯނާއިން ވަނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ތާވަލުގެ ދެވަނައިގައި ރިއާލް މެޑްރިޑް އޮތްއިރު، މެޗުން ބަލިވި ވެލެންސިއާ އޮތީ ހަތަރު މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ އެންމެ ފަތުގައެވެ. ބާސެލޯނާއިން ވަނީ މި ސީޒަނުގައި ލީގުގައި މިހާތަނަށް 17 ގޯލު ޖަހާފައެވެ.
އިތުރަށް


.webp&w=3840&q=100)
.webp&w=3840&q=100)

.gif.gif&w=828&q=100)