އެމްބާޕޭގެ ހެޓްރިކާއެކު އަމިއްލަ ދަނޑުގައި ރެއާލަށް މޮޅެއް

މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި، ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށްފިއެވެ.
މިއީ ލީގުގައި ރެއާލުން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ މެޗުގައި ރެއާލުން ވަނީ އެސްޕަނިޔޯލްގެ މައްޗަށް 2-1 އިން މޮޅުވެފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 40 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ލޫކާ ސުސިޗް ވަނީ ސޮސިއެޑާޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ކޯޗު ޖޯސޭ މޮރީނިއޯ ވަނީ މާކް ކުކުރެޔާ ކުޅެން ނެރެފައެވެ. މި ހާފުގައި މެޑްރިޑުން ކުޅުން ވަރުގަދަކުރިއިރު، 60 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ދެވަނަ ފަހަރަށް އެ ޓީމަށް ކުރިހޯދައިދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޖޫޑް ބެލިންހަމްއާ ގުޅިގެން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ބެލިންހަމް ދެއްކި ހިތްވަރާއެކު މެޑްރިޑުން ތިންވަނަ ލަނޑު ކާމިޔާބުކުރިއެވެ. އޭނާ އިދިކޮޅު ޓީމުގެ އަތުން ބޯޅަ ހޯދައި، ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ ވިނީޝިއުސް ޖޫނިއަރއެވެ. އޭގެ ފަހުން 80 ވަނަ މިނެޓުގައި ވިނީޝިއުސް ދިން ޕާހަކުން އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ލީގުގައި ރެއާލުން ކުޅޭ ތިންވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ މަލާގާއާ އެވެ.
އިތުރަށް

.webp&w=3840&q=100)



.gif.gif&w=828&q=100)