އިންޖަރީގެ ސަބަބުން މެސީ އާޖެންޓީނާގެ އެކުވެރިކަމުގެ މެޗުގައި ނުކުޅެ ބެންޗުގައި

ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ވޯލްޑް ކަޕްގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުގައި، ކެޕްޓަން ލިއޮނަލް މެސީގެ ވާތު ފައިގެ ހޭމްސްޓްރިންގަށް ކުރިމަތިވެފައިވާ އިންޖަރީއަކާއި ގުޅިގެން އޭނާ މެޗުގައި ކުޅެފައެއް ނުވެއެވެ. ޓެކްސަސްގެ ކައިލް ފީލްޑްގައި ހޮނިހިރު ދުވަހުގެ ރޭ ހޮންޑިއުރާސްއާ ދެކޮޅަށް ކުޅުނު މި މެޗުން އާޖެންޓީނާ ވަނީ 2-0 އިން މޮޅުވެފައެވެ.
އުމުރުން 38 އަހަރުގެ މެސީ ޓީމާއެކު ވާމްއަޕް ތަކުގައި ބައިވެރިވި ނަމަވެސް، މެޗު އެއްކޮށް ހޭދަކުރީ ބެންޗުގައެވެ. އާޖެންޓީނާގެ އޮފިޝަލުން ހާމަކުރި ގޮތުގައި މެސީއަށް ދެން ކުޅުމުގެ ފުރުސަތު ދޭނީ އޭނާގެ ރިކަވަރީ ކުރިއަށްދާ ގޮތަށް ބެލުމަށްފަހުއެވެ. އާޖެންޓީނާއިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޖޫން 16 ގައި ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ.
މުބާރާތް ފެށެން ކުޑަތަންވެފައިވަނިކޮށް ދުނިޔޭގެ ވަރުގަދަ އެހެން ގައުމުތަކުން ވެސް ވަނީ މުހިއްމު މޮޅުތަކެއް ހޯދާފައެވެ.
- ބްރެޒިލް 2 - 1 މިޞްރު: ބްރެޒިލްއިން މިޞްރު ބަލިކުރި މެޗުގައި ބްރޫނޯ ގިމަރޭޒް އަދި އެންޑްރިކް ގޯލު ޖެހިއެވެ. މިޞްރުގެ ހަމައެކަނި ލަނޑު ޒީކޯ ޖެހިއިރު، މުހައްމަދު ޞަލާޙް ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް ބްރެޒިލްގެ ކަނާތްފާތު ޑިފެންޑަރު ވެސްލީއަށް ލިބުނު ބޮޑު އިންޖަރީއަކާ ގުޅިގެން އޭނާއަށް ވޯލްޑް ކަޕް ގެއްލުމުގެ ބިރު ވަނީ ހީވެފައެވެ.
- ޖަރުމަނު 2 - 1 އެމެރިކާ: ކޯހޮސްޓް އެމެރިކާއާ ދެކޮޅަށް ކުޅެ ޖަރުމަނުން ވަނީ ޖެހިޖެހިގެން 9 ވަނަ މޮޅު ހޯދާފައެވެ. ޖަރުމަނުގެ ގޯލުތައް ކައި ހަވާޓްޒް އަދި ލެރޯއި ސާނޭ ޖަހައިދިންއިރު، އެމެރިކާގެ ހަމައެކަނި ލަނޑު ވޮލީއަކުން ކާމިޔާބުކުރީ އެންަޓަނީ ރޮބިންސަންއެވެ.
- އިންގްލެންޑް 1 - 0 ނިއުޒީލެންޑް: ހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުއްޓާ ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވީ ކެޕްޓަން ހެރީ ކޭން ބޮލުން ޖެހި ލަނޑުންނެވެ. ކޯޗު ތޯމަސް ޓުޗެލް ވަނީ ހާފްޓައިމްގައި މުޅި ޓީމު ބަދަލުކޮށް 22 ކުޅުންތެރިންނަށް ފުރުޞަތު ދީފައެވެ.
- ޕޯޗުގަލް 2 - 1 ޗިލީ: ހޫނުގަދަވެ، ދެ ޓީމުން ވެސް ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި މި މެޗުން ޕޯޗުގަލް މޮޅުވީ ގޮންސާލޯ ގޭޑޭޒް އަދި ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލުތަކުންނެވެ.
އެހެން މެޗުތަކަށް ބަލާއިރު ބެލްޖިއަމްއިން ވަނީ ޓިއުނީޝިއާ އަތުން 5-0 ގެ ބޮޑު މޮޅެއް ހޯދާފައެވެ. އަދި ސްކޮޓްލެންޑުން ބޮލީވިއާ 4-0 އިން ބަލިކުރިއިރު، ސްވިޒަލޭންޑާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އިތުރަށް



.jpg&w=3840&q=100)

.gif.gif&w=828&q=100)