logologologologo
STO
ޚަބަރު

ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ ބައި އިލެކްޝަނާ އެކު ނިމިއްޖެ: ފަލާޙް

ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ ބައި އިލެކްޝަނާ އެކު ނިމިއްޖެ: ފަލާޙް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 06

ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ ބައި އިލެކްޝަނާ އެކު ނިމިއްޖެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބުރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އައްޑޫގައި ބެހެއްޓުނު 5 ވޯޓު ފޮށީގެ ތެރެއިން 3 ފޮށީގެ މެޖޯރިޓީ ޕީއެންސީގެ ކެންޑިޑޭޓް އަޙުމަދު ސަޢީދު ހޯއްދެވުމާއި ގުޅިގެން ފަލާޙް ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ މިއަދު ބޭއްވުނު ބައި އިލެކްޝަނާ އެކު ނިމިއްޖެ ކަމަށެވެ.

"އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުން، އިބޫ، އަންނި، ފައްޔާޒު، ޝާހިދު، އާޒިމް އަދި އަދި މުޅި އުމުރުގައި އެދާއިރާގެ މެންބަރުކަންކުރި އަސްލަމާއި ދެންވެސް އެމްޑީޕީގެ ގައުމީ މަޖިލީސް އެކުގައި ހިތަދޫއަށް އަރައިގެންނާއި އެމްޑީޕީއާއި އެކު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ބުނެއުޅުނު ޔާމީން ތާއީދުކޮށްގެން ވެސް." ފަލާޙް ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ މިއަދު އޮތް އިންތިޚާބުގައި ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން ވަނީ ތިން ދައުރަކު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައި ކަމަށެވެ.

"އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާކަހަލަ އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫ އާމެދު އިހުމާލުވެފައޭ! ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ!" ފަލާޙްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ފަލާޙް އިތުރަށް ވިދާޅުވީ މިއަދު ބޭއްވުނު އިންތިޚާބުގައި ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވެ ރައީސް މުޢިއްޒުއަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް ކަމަށާ 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށެވެ.

މި ބައި އިލެކްޝަންގައި ވާދަކުރީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަޙުމަދު ސަޢީދު، އާންމުނަމުންނަމަ ސޮޑާ އާއި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް، އާންމުނަމުންނަމަ ސޯބެއެވެ. ސޯބެ ވާދަކުރައްވަނީ އެމްޑީޕީ ޓިކެޓުގައެވެ. ސޮޑާއަކީ ޕީއެންސީގެ ކެންޑިޑޭޓެވެ.

މިއަދުގެ 5 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން ޞާދިޤަށްއަށް 1375 ވޯޓު ލިބިލެއްވިއިރު ސަޢީދަށް ލިބިލެއްވީ 1313 ވޯޓެވެ.

އައްޑޫގައި ބެހެއްޓުނު 5 ފޮށިން 3 ފޮށީގެ އިތުރުން މާލޭގައި ބެހެއްޓުނު 2 ފޮށިން ވެސް އެއް ފޮށިން ކުރި ހޯދީ ސަޢީދުކަން ފާހަގަކުރެވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާގެ ޕީއެންސީ މެންބަރު، މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަން ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ޙުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރީ ސިނާން އަދި ސޮޑާއެވެ. ސިނާން އެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ފަހުން ނިންމެވީ ޓިކެޓު ދޫކޮށްލުމަށެވެ. އެހެންވެ، ޕީއެންސީން ޓިކެޓު ދިނީ ސޮޑާއަށެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް