ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 ން ފެށިގެން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
މި އިންތިޚާބުގައި އައްޑޫސިޓީ ހިތަދޫ ސްކޫލުގައި 5 ފޮށި ބަހައްޓާފައިވާއިރު މާލޭގައި ދަރުމަވަންތަ ސްކޫލުގައި 2 ފޮށި ބަހައްޓާފައިވާކަން ފާހަގަ ކުރެވެއެވެ.
މި ބައި އިލެކްޝަންގައި ވާދަކުރަނީ ދެ ބޭފުޅުންނެވެ. އެއީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަޙުމަދު ސަޢީދު، އާންމުނަމުންނަމަ ސޮޑާ އާއި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް، އާންމުނަމުންނަމަ ސޯބެއެވެ. ސޯބެ ވާދަކުރައްވަނީ އެމްޑީޕީ ޓިކެޓުގައެވެ. ސޮޑާއަކީ ޕީއެންސީގެ ކެންޑިޑޭޓެވެ. އަދި ސޯބެއަކީ އެމްޑީޕީގެ ކެންޑިޑޭޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ ޕީއެންސީ މެންބަރު، މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަން ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ޙުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރީ ސިނާން އަދި ސޮޑާއެވެ. ސިނާން އެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ފަހުން ނިންމެވީ ޓިކެޓު ދޫކޮށްލުމަށެވެ. އެހެންވެ، ޕީއެންސީން ޓިކެޓު ދިނީ ސޮޑާއަށެވެ.
މި ބައި އިލެކްޝަންސްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ 4121 މީހަކަށެވެ.
އިތުރަށް





.gif.gif&w=828&q=100)