logologologologo
STO
ޚަބަރު

ދުންފަތާ ދެކޮޅު ކެމްޕޭނު ސްކޫލުތަކުގައި ވެސް ހިންގާނެ ކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވެއްޖެ

ދުންފަތާ ދެކޮޅު ކެމްޕޭނު ސްކޫލުތަކުގައި ވެސް ހިންގާނެ ކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 01

ދުންފަތާ ދެކޮޅު ކެމްޕޭނު ސްކޫލުތަކުގައި ވެސް ހިންގާނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުކުރުމަށް ހިންގާ ޤައުމީ ކެމްޕެއިންގެ ތެރެއިން ސްކޫލުތަކުގައި މައުލޫމާތުދިނުމުގެ ހަރަކާތްތައް ކުރިޔަށްގެންދާނެ ކަމަށާއި، އަދި ދުންފަތުން ދުރުވާން ބޭނުންވާ ފަރާތްތަކަށް އެކަމުން ދުރުހެލިވުމަށް އެހީތެރިކަން ދޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުކުރުމަށް ހިންގާ ޤައުމީ ކެމްޕެއިންގެ ތެރެއިން ތަޢުލީމީ ދާއިރާއިން ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް ދޭނެ ކަމަށެވެ. އަދި މި މައުލޫމާތުގެ އަލީގައި ދުންފަތުން ދުރުވާން ބޭނުންވާ ފަރާތްތަކަށް އެކަމުން ދުރުހެލިވުމަށް ޞިއްހީ ގޮތުން އެހީތެރިކަން ލިބޭނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިކަން ކުރިޔަށްދާނީ، ސްކޫލުތަކުގައި އެކަނި ނޫން ކަމަށާއި، އަމިއްލަ ޖަމިއްޔާތަކާއި، ކުލަބުތަކާއި، މަތީ ތަޢުލީމު ދޭ ސްޓޫޑެންޓް ޔޫނިއަންތައްވެސް ހިމެނޭނެކަން ވަޒީރު ފާހަގަކުރެެއްވިއެވެ.

"މަދަރުސީ ނިޒާމުގެ ތެރެއިން ކުރިޔަށް އޮތް ދުވަސްތަކުގައި ހުރިހާ ސްކޫލެއްގައިވެސް ދުންފަތުގެ ނުރައްކަލާ އެކަމުގެ ސަބަބުން ލިބޭ ގެއްލުން، އެއީ ހަމައެކަނި ޞިއްޙީ ގެއްލުމެއް ނޫން އެއީ އިޤްތިޞާދީ ގޮތުންވެސް އާއިލާތަކަށް ކުރާ ގެއްލުމެއް މި ލެވެލުގައި މި މައުލޫމާތުތައް ކުދިންނަށް އާއިލާތަކަށް ފޯރުކޮށްލަދޭނަން. އަދި ބެލެނިވެރިންނަށާއި މުދައްރިސުންނަށް އެވެއާނެސް ޕްރޮގްރާމްސްތައް ހިންގާނެ. އުންމީދު މިކުރަނީ ދިވެހިރާއްޖެއަކީ، ދުންފަތާ ބެހޭ މައުލޫމާތު ވަރަށް ފުރިހަމަޔަށް ލިބިފައިވާ ޤައުމަކަށް ހެދުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ކެމްޕޭނުގެ ދަށުން ދަރިވަރުންނާއި ބެލެނިވެރިންނަށް ދުންފަތުގެ ނުރައްކަލާ ބެހޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ތަޢުލީމީ ދާއިރާގެ ތެރެއިން މި ހަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށްގެންދާނެ ކަމަށެވެ. މިގޮތުން އެވުޒާރާއިން މިހާރު ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމުގެ ތެރޭގައި މިބައި ހިމެނުމަށް ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެއީ ރާއްޖޭގެ ސްކޫލުތަކުގެ 215 ޕީޓީއޭއާއި ބައްދަލުކޮށް ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު، ރައީސްއާއި ހަމަޔަށް މިކަން ގެނެސް ދަރިވަރުންނާއި ޒުވާނުންގެ ޙައްޤުގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި ޖެނެރޭޝަނަލް ބޭންގެ ހަރަކާތަކީވެސް ސަރުކާރުން ދުންފަތާއި ދެކޮޅަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރި މުހިންމު މަސައްކަތެއްގެ ގޮތުގައި ތައުލީމާއި މަތީތައުލީމާ ބެހޭ ވަޒީރު އިސްމާއިލް ޝަފީޢު ފާހަގަކުރެއްވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް