logologologologo
STO
ޚަބަރު

ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެންނަނީ

ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެންނަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 12

ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެވެ.

މިއަދު ފެށިގެން ކުރިއަށްދާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިފަދަ މަހާސިންތާއެއްގެ މުހިންމުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޓީޗަރުންނަށް އިންވެސްޓް ކުރުމަކީ ޤައުމުގެ މުސްތަޤުބަލަށްވެސް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.

މިޒަމާނުގައި ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް އޭއައި އެކި ކަންކަމުގައި ބޭނުން ކުރާ މިންވަރު އިތުރުވަމުންދާއިރު، މިއީ މި ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޓީޗަރުން މިކަންކަމަށް އަހުލުވެރިވާން ޖެހޭ ކަމަށާއި މި ކޮންފަރެންސްގެ މަޤްޞަދަކީ ޓީޗަރުން ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތަކާއި ގުޅުވާލުން ކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ. މިއާއެކު މި ފުރުސަތުގެ ބޭނުން ޓީޗަރުން ހިފުމަށް ވަޒީރު ގޮވާލެއްވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު ދައިރާގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށާއި މިހާރުވެސް ދަރިވަރުން ތަޢުލީމީ މަރުހަލާގައި ހާސިލްކުރާ މިންވަރު އިތުރުކުރުމަށް މުހިންމު ބަދަލުތަކެއް ކޮންޓެންޓަށް ގެންނަމުންދާ ކަމަށެވެ. މިމަސައްކަތުގެ ދަށުން ކީ ސްޓޭޖް 1 ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ އަހަރު ކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

"ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް މިދަނީ ގެންދަމުން. މިއަންނަ އަހަރު ކީ ސްޓޭޖް ގްރޭޑް 1 ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ. އަޅުގަނޑު މުދައްރިއްސުންނަށް ދަންނަވާލަން ބޭނުންވަނީ، ފޮތްތައް ބަދަލުކުރެވުނަސް ހަޤީޤީ ބަދަލެއް އަންނާނީ ތިޔަ ބޭފުޅުންގެ މަސައްކަތުންނޭ." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާނަވީ ތަޢުލީމު ހާސިލް ކުރާ ދަރިވަރުންނާއި މަތީސާނަވީއަށް ދާ ދަރިވަރުންގެ މެދުގައި އޮތް ފަރަޤު ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން މީގެ ކުރިން ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށް ފަހު މަތީ ސާނަވީ ތަޢުލީމަށް ދާ ދަރިވަރުންގެ އަދަދު، ކުރީގައި ހުރި 40 އިންސައްތައިން މިހާރު 50 އިންސައްތައަށް އިތުރު ކުރެވިފައިވާ ކަމަށާއި އަދި މާލޭ ވޮކޭޝަނަލް ހައިސް ސްކޫލާއެކު މިއަދަދު 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޓީޗަރުންނަކީ މުޖްތަމަޢުގެ ތެރޭގައި ބާރާޢި އިޚްތިޔާރު އޮންނަ ބައެއްކަން ޤަބޫލުކުރަން ޖެހޭކަން ފާހަގަކުރައްވަމުން އެ ބާރާއި އިޚްތިޔާރު ހަނިކުރެވިއްޖެ ނަމަ ދަރިވަރުންގެ ތަޢުލީމީ ޙަޔާތުން މުހިންމު ބައެއް ގެއްލިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޓީޗަރުން މުޖްތަމަޢުގެ ތެރޭގައި ޙަރަކާތްތެރިވާ މިންވަރު އިތުރުކުރަން ވަޒީރު ގޮވާލެއްވިއެވެ.

ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި މުޖްތަމަޢުގެ އެހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް