logologologologo
STO
ޚަބަރު

ބުލީކުރުން ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމަޢުގެ މަސްރަޙް އުފާވެރި ތަނަކަށް ހެދިގެން: ތަޢުލީމީ ވަޒީރު

ބުލީކުރުން ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމަޢުގެ މަސްރަޙް އުފާވެރި ތަނަކަށް ހެދިގެން: ތަޢުލީމީ ވަޒީރު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 30

ބުލީކުރުން ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމަޢުގެ މަސްރަޙް އުފާވެރި ތަނަކަށް ހެދިގެން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢު ވިދާޅުވެއްޖެއެވެ.

ސްކޫލުތަކުގައި ބުލީކުރާ ވާހަކައާއި ގުޅިގެން، އިއްޔެ މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ ބުލީކުރުން ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމައުގެ މަސްރަހު އުފާވެރި، ހިތްފަސޭހަ، އަދި އެކަކު އަނެކަކުދެކެ ލޯބިވާ ވެއްޓަކަށް ބަދަލުކޮށް، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައިގެން ކަމަށެވެ.

ވަޒީރު ވިދާޅުވީ ކުދިންނަށް އޯގާތެރި މުޖުތަމައެއް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ޒިންމާ ކަމަށާއި ކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބައެއް ކަމަށެވެ. ވަޒީރު ވިދާޅުވީ ކުލުނާއި އޯގާތެރިކަމެއް ނެތް މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ފެނިގެންދަނީ ނުހަނު ނޭދެވޭ މަންޒަރުތަކެއް ކަމަށާއި އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށްކޮށްލާ ބަސްތައް ބޭނުންކުރާ މުޖުތަމައަކުން ކުއްޖާ ދަސްކުރާ ނޭދެވޭ އާދަތައް ނަކަލުކޮށް، އެފަދަ ފުރައްސާރަ ސްކޫލުގެ މާހައުލުގައި ތަކުރާރުވާ ކަމަށެވެ.

"ސޯޝަލް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި "މުނިފޫހިފިލުވުން" ކަމުގައި ވެއްޖެއެވެ. އިވޭ ކޮންމެ އަޑަކީ، އަދި ފަތުރާލާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫނެވެ. ނަމަވެސް، ކަންކަމުގެ އަސްލު ބެލުމެއް ނެތި، އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެކެވެ." ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ވަޒީރު ވިދާޅުވީ މި މައްސަލައަކީ ދިވެހި ކޮންމެ ފަރުދަކު މިކަމާމެދު ފުންކޮށް ވިސްނާ، އިޞްލާޙީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް ކަމަށާއި ހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ކުރައްވަނީ އާދައިގެ މަސައްކަތެއް ނޫން ކަމަށެވެ. ކުދިންނަށް ފިލާވަޅުތައް އުގަންނައިދިނުމުގެ އިތުރުން، މުޖުތަމަޢާއި ގޭތެރެއިން ކުދިންނަށް ފެންނަ ނޭދެވޭ އާދަތައް އިޞްލާޙްކުރުމަށް މުދައްރިސުން ދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ، ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ ޕްރޮގްރާމް ގިނަކޮށް ހަރުދަނާ ކުރަންޖެހޭ ކަމަށާއި ތަޢުލީމީ ވުޒާރާއިން މިއަހަރު ކުރިއަށް ގެންދާ "ބިންގާ" ޕްރޮގްރާމަކީ އެފަދަ މަސައްކަތެއް ކަމަށް ޑރ. ޝަފީޢު ވިދާޅުވިއެވެ. މި ޕްރޮގްރާމް ވަރަށް ފުރިހަމައަށް ސްކޫލުތަކުގައި ކުރިއަށް ގެންދާކަން ފާހަގަކޮށް، ވަޒީރު ވަނީ ދަރިވަރުންނަށާއި މުދައްރިސުންނަށް ސާބަސް ދެއްވައިފައެވެ.

"އަހަރެމެންނަކީ މުސްލިމުންނެވެ. އިސްލާމީ ރިވެތި އަޚުލާގު ކުދިންނަށް އުނގަންނައިދިނުމަކީ އަހަރެމެންގެ އެންމެ ބޮޑު ޒިންމާއެވެ. މީހަކަށް ދެރައެއް ދިނުމަކީ ނުވަތަ ދުލުންނާއި އަތުން ފުރައްސާރަކުރުމަކީ ބޮޑުވެގެންވާ ފާފައެއްކަން ތަކުރާރުކޮށް ކުދިންނަށް ބުނެދޭންޖެހެއެވެ. އަދި ރިވެތި ނަމޫނާ އެކުދިންނަށް ބަހާއި އަމަލުން ދައްކަންޖެހެއެވެ.ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެއެވެ:"الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ" މާނައީ: "މުސްލިމަކީ، އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން (އުނދަގުލުން) އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ."" ވަޒީރުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމުގެ މުސްތަޤުބަލު ކަމުގައިވާ ކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކައި، އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާތެރި ނުވެއްޖެނަމަ، މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ މާހައުލެއްގައި ކަމަށެވެ.

 

MALDIVE GASAllied Insurance
އިތުރަށް