logologologologo
STO
ރިޕޯޓް

ދެން މަޖިލީހުގެ ނައިބް ރައީސަކަށް ވާނީ ކާކު ؟

ދެން މަޖިލީހުގެ ނައިބް ރައީސަކަށް ވާނީ ކާކު ؟
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 31

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަގާމުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާއެކު މުޅި ސިޔާސީ މަޝްރަހުގެ ނަޒަރު ހުއްޓިފައި ވަނީ އެންމެ ކަމަކަށެވެ. މިއަދު މެންދުރު ބާއްވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސަކަށް ހޮވިވަޑައިގަންނަވާނީ ކޮންބޭފުޅެއްތޯ އެވެ.

ޔަގީން ވާ އެއްކަމެއް އެބައޮތެވެ. އެއީ ޕީއެންސީގެ ބޭފުޅެކެވެ. ރައްޔިތުންގެ އިތުބާރާއެކު މަޖިލީހުގެ 75 ގޮނޑި ވަނީ ޕީއެންސީއަށް ދީފަ އެވެ. އެހެންކަމުން ނައިބްރައީސް ކަމުގެ މަގާމަށް އެމްޑީޕީން މާ ބޮޑު ޝައުގުވެރިކަމެއް ނުގެންގުޅޭނެކަން އެއީ މުޖައްރިބު ކަމެކެވެ.

ސިޔާސީ ކަންކަން ހިނގާގޮތަށް ބަލާއިރު މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަގާމަށް އަންނާނީ ސިޔާސީ ގޮތުން ތަޖުރިބާހުރި ބޭފުޅެކެވެ. އެގޮތަށް ބަލާއިރު ޕީއެންސީގެ ތެރެއިން 4 ބޭފުޅެއްގެ ނަން ފާހަގަ ކޮށްލެވެ އެވެ.

 އެއީ:

  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
  • މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް)
  • ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
  • އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)
އިބްރާހިމް ޝުޖާއު

މިއީ ޝުޖާއު މަޖިލީހުގެ މެންބަރުކަން ކުރައްވާ ދެވަނަ ފަހަރެވެ. އަށާރަ ވަނަ މަޖިލިސް، 2014 އިން 2019އަށް، ވެސް ބާރަށު ދާއިރާގެ މެންބަރުކަން ކުރެއްވި އެވެ.

ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތީ އެވެ. އެކަމަކު 2021ގެ ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުކަން ހޯއްދެވި އެވެ. އޭރު މާލޭގެ މޭޔަރަކަށް ހުންނެވީ ރައީސް މުއިއްޒެވެ. 

ޝުޖާއުއަކީ، ޕީއެންސީގެ ނައިބު ރައީސް އަދި ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރެވެ. ޕީޕީއެމް އިދިކޮޅުގައި އޮތްއިރު ޕާޓީގެ ހަރަކާތްތަކުގައި އިސް ސަފުން އޭނާ ފެނުނެވެ.

އިބްރާހިމް ފަލާހު

މިއީ ފަލާހު މަޖިލީހުގެ މެންބަރުކަން ކުރައްވާ ދެވަނަ ފަހަރެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުން މަޖިލިހަށް ފުރަތަމަ ވެންނެވީ 2014ގަ އެވެ. އެކަމަކު 2019ގެ އިންތިހާބު ކާމިޔާބެއްނުކުރެއްވުނެވެ.

އޭގެ ފަހުން ފަލާހު ފެނުނީ ސިޔާސީ ގޮތުން އެހާ ހަރަކާތެރިކޮށެއް ނޫނެވެ. އޭނާ ޕީޕީއެމްގައި އަލުން މަސައްކަތް ފެއްޓެވީ ރިޔާސީ އިންތިހާބުގެ ތެރޭގަ އެވެ. ފަލާހަކީ ޕީއެންސީގެ ޕީޖީ ލީޑަރެވެ.

އަހްމަދު ތޯރިގް )ޓޮމް(

މިއީ ތޯރިގް މަޖިލީހުގެ މެންބަރުކަން ކުރައްވާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ މަޖިލީހަށް އިންތިހާބުވީ 2014ގަ އެވެ. އޭގެ ފަހުން މަހިބަދޫ ދާއިރާގެ ގޮނޑި އޭނާގެ އަތުން ނުގެއްލެ އެވެ.  މިހާރުގެ މަޖިލިސް ފެށުނު އިރު ޕީއެންސީ ޕީޖީގެ ޑެޕިއުޓީ ލީޑަރަކަށް ވެސް ހުންނެވި އެވެ. ނަމަވެސް ފަހުން އޭނާ އަމިއްލައަށް އެ މަގާމުން ވަކިވަޑައިގަތީ އެވެ.

ސިޔާސީ ޒިންމާތަކުގެ އިތުރުން ގައުމީ ޓީމުގެ ކުރީ ފޯވަޑް ތޯރިގަކީ އެފްއޭއެމްގެ މިހާރުގެ ރައީސް ވެސް މެ އެވެ.

އަހްމަދު ސަލީމް )ރެޑްވޭވް ސަލީމް(

މިއީ މިވަގުތު ރައްޔިތުންގެ މަޖިލިހުގައި އިންނެވި އެންމެ ގިނަ ދުވަސް ވީ އެއް މެމްބަރެވެ. އެގޮތުން 2004 އިން ފެށިގެން މިހާތަނަށް މަޖިލިހުގައި އޭނާ ހޭދަކުރައްވަމުން އެ ގެންދަވަނީ ފަސް ވަނަ ދައުރެވެ. ނިމިދިޔަ 19 ވަނަ މަޖިލީހުގައި މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކީ ވެސް ސަލީމެވެ. 

އޭނާއަކީޚ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީގެ ތެރެއިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރެވެ.

ނައިބު ރައީސަކީ މަޖިލީހުގެ ރައީސް ނެތް ހާލަތުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެވެ. 

މި ހަަތަރު ބޭފުޅުންގެ ބޭރުން ވެސް ނައިބު ރައީސްގެ މަގާމަށް އެހެން މެމްބަރަކު އައުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް