logologologologo
STO
ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން ސަރުކާރަށް ނެގޭ ގޮތަށް ޤާނޫނު އިސްލާޙްކޮށްފި

ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން ސަރުކާރަށް ނެގޭ ގޮތަށް ޤާނޫނު އިސްލާޙްކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 26

ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާޙު ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.

މި އިސްލާޙުގައިވާ ގޮތުން ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައިވާ ގޮތުން، ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. އަދި މަޤުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޢަމަލުކުރުމާއި އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެން ވާނެކަމެއް ނޫން ކަމަށް ކަނޑައެޅުމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.

ބިލު ދިރާސާކުރުމުގެ މަރުހަލާގައި ލާމަރުކަޒީ ކޮމިޓީން ވަނީ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގާއިރު، އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭގޮތަށް އިސްލާޙު ގެނެސްފައެވެ. އެ ބަދަލު ދޭންވާނީ ކަމާއި ގުޅުންހުރި ވުޒާރާއަކުންކަމަށްވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ލާމަރުކަޒީ ކޮމިޓީން ހުށަހެޅި އިސްލާޙުތަކާއެކު މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވިކަން ފާހަގަ ކުރެވެއެވެ.

ލާމަރުކަޒީ ޤާނޫނަށް މިފަދަ އިސްލާޙުތަކެއް ގެނެސްފައިވާއިރު، ސަރުކާރުން މާލޭ ސިޓީގައި ތަރައްޤީ ކުރަން ނިންމާފައިވާ މާރުކޭޓް ކޮމްޕްލެކްސްއަށް ބޭނުންވާ ބިން، މާލޭ ސިޓީ ކައުންސިލުން ސަރުކާރާ ހަވާލު ނުކުރުމުގެ ސަބަބުން އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވެފައިވާކަމަށް އިމާރާތް ކުރުމާބެހޭ ވުޒާރާއިން ބުނަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް