logologologologo
STO
ޚަބަރު

ބޭރު ފައިސާގެ ޤާނޫނަށް ގެންނަ އިސްލާޙުތަކުގެ މަޢުލޫމާތު މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފި

ބޭރު ފައިސާގެ ޤާނޫނަށް ގެންނަ އިސްލާޙުތަކުގެ މަޢުލޫމާތު މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 17

ބޭރު ފައިސާގެ ޤާނޫނަށް ގެންނަ އިސްލާޙުތަކުގެ މަޢުލޫމާތު މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާޙުތަކާ ބެހޭ މަޢުލޫމާތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ ދެއްވައިފި އެވެ.

ގަވަރުނަރު މުނައްވަރު ވަނީ އިޤްތިޞާދީ ކޮމިޓީއަށްވެސް މި އިސްލާޙުތަކުގެ ތަފްސީލު އަރުވާފައެވެ.

މާލިއްޔަތު ޤާނޫނަށް ގެންނަ މި އިސްލާޙުގެ ދަށުން ކުރިން ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ލާޒިމުކޮށްފައި އޮތް އުސޫލު ވަނީ އުވާލައި، އޭގެ ބަދަލުގައި ބޭރު ފައިސާއިން ލިބޭ ޖުމްލަ އާމްދަނީގެ %20 މާރުކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިއީ ޓޫރިޒަމް ދާއިރާއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ މިންވަރު ހަމައެއްގައި ހިފެހެއްޓުމަށް ގެނައި ބަދަލެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ނަމަވެސް ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ލާޒިމުވާ އަހަރީ އާމްދަނީގެ މިންވަރު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. މީގެ ސަބަބުން ދެ މިންވަރުގެ ދޭތެރޭގައި އާމްދަނީ ލިބޭ ގިނަ ދިވެހި ކުންފުނިތަކާއި ކޮންޓްރެކްޓަރުން މި ޝަރުތުން އިސްތިސްނާވެގެންދާނެ އެވެ. ގެސްޓްހައުސްތަކުން މާރުކުރުމުގެ އުސޫލަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭ މަޢުލޫމާތުވެސް ގަވަރުނަރު ވަނީ މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުން ކޮމިޓީން ވަނީ ސިއްރުކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް