ކަސްޓަމްސްއާއި ބޭންކުތަކުން ޓީޓީ ވެރިފިކޭޝަން ނިޒާމެއް ގާއިމުކުރަނީ

ރާއްޖެއަށް ޒަރޫރީ މުދާ އިމްޕޯޓުކުރާ ވިޔަފާރިވެރިންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ރާއްޖޭގައި ހިންގާ 7 ބޭންކަކާ ދެމެދު ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.
އެމްއެމްއޭއިން މައުލޫމާތުދޭ ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދުތަކަކީ:
- މައުލޫމާތު ބަދަލުކުރުން: ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓުކުރެވޭ މުދަލާ ގުޅޭގޮތުން ބޭންކުތައް މެދުވެރިކޮށް ހިންގާ މާލީ މުއާމަލާތްތަކުގެ މައުލޫމާތު ކަސްޓަމްސްއާއި ބޭންކުތަކާ ދެމެދު ހިއްސާކުރެވޭނެ ހަރުދަނާ ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުން.
- ސައްހަކަން ކަށަވަރުކުރުން: މުދާ އެތެރެކުރުމަށް ޓީޓީ (ޓެލެގްރާފިކް ޓްރާންސްފަރ) މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި އެތެރެކުރެވޭ މުދަލުގެ ތަފްސީލު ދިމާވޭތޯ ބަލައި، ވިޔަފާރި މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުން.
މި މަސައްކަތް މުޅިން ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
މި ނިޒާމު ގާއިމުކުރަން ނިންމާފައިވަނީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކޮށްދިނުމަށްޓަކައި، ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ދޫކުރާ މިންވަރު 3 ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް އޮގަސްޓު 11 ގައި ނިންމި ނިންމުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ރާއްޖޭގެ މާލީ ނިޒާމު އިސްލާހުކޮށް ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އެމްއެމްއޭއިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ތަންތަނުން ލިބޭ އާމްދަނީގެ %40 ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)