logologologologo
STO
ޚަބަރު

ލައިސަންސް ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އިލްތިމާސްކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 09

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ޤާނޫނު ނަންބަރު 32/2024 )ބޭރު ފައިސާއާބެހޭ ޤާނޫނު( އަދި މަނީ ޗޭޖިންގ ވިޔަފާރިއާބެހޭ ޤަވާޢިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ކުރަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން މި އޮތޯރިޓީގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މިފަދަ މުޢާމަލާތް ނުކުރުމަށް އިލްތިމާސްކުރަމެވެ." އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ އިދާރާއިން ބުނީ ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ އަދާހަމަ ލިސްޓް އެ އޮތޯރިޓީގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެ ކަމަށެވެ.

އެމްއެމްއޭއިން ވަނީ 09 ސެޕްޓެންބަރު 2026 ގެ ނިޔަލަށް ލައިސަންސް ދޫކުރެވިފައިވާ 59 ފަރާތުގެ މަޢުލޫމާތު އާންމުކޮށްފައެވެ.

އެއްވެސް ފަރާތަކުން ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތެއް ބޭންކެއް ފިޔަވާ އެހެން ފަރާތަކާއިއެކު ކުރާނަމަ، އެމުޢާމަލާތް ކުރެވެނީ ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ކަން ކަށަވަރުކޮށް، ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް