ހުއްދަ ނެތި ޑޮލަރު ވިޔަފާރިކުރާ ފުރަވެރި ރިސޯޓު ކުންފުނީގެ އޮފީހަށް ފުލުހުން ވަދެއްޖެ

މަނީ އެކްސްޗޭންޖު ވިޔަފާރި ހިންގުމުގެ ހުއްދަ ނެތި އެ ވިޔަފާރިކުރާ ކުންފުންޏެއްގެ އޮފީހަށް ފުލުހުން ފުރަތަމަ ފަހަރަށް މިއަދު ވަދެ ރެއިޑްކުރަން ފަށައިފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެއްގެ އޮފީސް ރެއިޑްކޮށް، ބަލައިފާސްކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށް މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ ރ. އަތޮޅުގައި އޮންނަ ފުރަވެރި މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުނީގެ އޮފީހަށެވެ.
ގަވައިދާ ހިލާފަށް ޑޮލަރު ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ތަނެއް ބަލައި ފާސް ކުރަމުން އަންނައިރު، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ހަ ބިދޭސީއަކު ހައްޔަރުކޮށް، އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. ފުލުހުން ވިދާޅުވީ ތަހުގީގަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މި ހަ މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550.00 ދިވެހި ރުފިޔާ އަދި 1,627,81 އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަމަށެވެ.
ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ހަ މީހުން:
1- މުހައްމަދު ރާހޫލް އަމީން، ބަންގްލަދޭޝް (އެކައުންޓަންޓު)
2- މަސޫދު މިއާ، ބަންގްލަދޭޝް (ވެއިޓަރު)
3- އެމްޑީ ފަރީދުއްދީން، ބަންގްލަދޭޝް (ޑްރައިވަރު)
4- ދުލްކަރްނާއީ އިމްރާންހާން، އިންޑިއާ (އިންޖިނިއަރު)
5- މުހައްމަދު އަސަތު ކަލަންޑަރް ހުސެއިން، އިންޑިއާ (ސޭލްސްމަން)
6- މުހައްމަދު މަހަމުދުރް ހަސަން، ބަންގްލްދޭޝް (ކްލީނަ)
މި ހަ މީހުންނަކީ، ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަދެވިފައިވާ ދާއިރާގެ ބޭރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބައެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.
ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިއަދު ވަނީ އަމަލުކުރަން ވެސް ފަށައިފަ އެވެ.

.gif.gif&w=828&q=100)

