ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ ވިޔަފާރީގައި ސިޔާސީ ބައެއް މީހުން!

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ ވިޔަފާރީގައި ސިޔާސީ ބައެއް މީހުން ހިމެނޭ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިޔަފާރި ކުރާ މައްސަލައާއި ގުޅިގެން ކަމާއި ގުޅޭ ވުޒާރާތަކާއި އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިޙްސާން ވިދާޅުވީ ޑޮލަރު ކަޅު ބާޒާރު ހިންގުމުގެ ފަހަތުގައި ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސިޔާސީ މީހުން އެބަތިބިކަމަށާއި، މި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިޙްސާން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބޭރު ފައިސާ މާރުކުރާ 63 ތަން ހިންގަމުންދާކަމަށެވެ.
އިޙްސާން ވިދާޅުވީ މިހާތަނަށް ބެލި ބެލިމުން، ހުއްދަ ނުނަގައި އެއްވެސް ލައިސަންސެއް ނެތި ވަރަށް ގިނަ ފަރާތްތަކުން ބޭރު ފައިސާ މާރު ކުރަމުންދާކަން ފާހަގަވެފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 7 ތަނަކާ ގުޅޭ މަޢުލޫމާތު އެއްކޮށްފަވާއިރު، އެ 7 ތަނުން ފާއިތުވި 9 މަސްތެރޭގައި 76 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާކަމަށް ވަޒީރު އިޙުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ޤާނޫނު ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަނުނަގައި ކުރުމަކީ ޖިނާޢީ ކުށެއްކަމަށެވެ.
ޖިނާޢީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑަރކުރުން ކަމަށާއި އެއީ އެނގިގެންވިޔަސް ނޭނގިވިޔަސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ ކަމަށް އިޙްސާން ވިދާޅުވިއެވެ.
"ރިސޯޓް ޗެއިނަކުން އެބަވޭ 9 މަސްތެރޭގައި 4 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައި. ކޮންސްޓަރްކަޝަން ރިސޯޓު ހަދަން ޑޮލަރުން އާމްދަނީ ހޯދާފައިވެސް ކަޅު ބާޒާރުގައި އެބަ ވިއްކާ. އަދި ކަޅުބާޒާރުގެ އަގު ކަނޑައަޅަން ސިޔާސީ ބައެއް މީހުންވެސް އެބަ ޝާމިލުވޭ." ވަޒީރު ވިދާޅުވިއެވެ.
މި މައްސަލަތައް ބަލައި ޤާނޫނުގެ ދަށުން ބޮޑެތި ފިޔަވަޅުތައް އަޅާނެކަމަށާއި ކަޅުބާޒާރުގައި ހުއްދަ ނުނަގާ ޑޮލަރު ވިއްކާ ކޮންމެ ޓްރާންސެކްޝަނަކީ އެއަށް ޤާނޫނުގެ ދަށުން އެމްއެމްއޭއިން ފިޔަވަޅު އަޅާނެ ކަމެއްކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައި ކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)