އަބުޗާ އަލުން ހައްޔަރުކޮށް ޕެރޯލް ބޯޑުގެ 6 މެމްބަރުން ވަކިކުރަން ނިންމައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި ޢަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލުގެ ދަށުން ދޫކޮށްފައިވަނިކޮށް އޭނާ އަލުން ހައްޔަރުކޮށް، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕެރޯލް ބޯޑުގެ 6 މެންބަރުން ވަކިކުރަން ނިންމައިފިއެވެ.
މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދާޚިލީ ވަޒީރު ޢަލީ އިހުސާންއެވެ.
އަބުޗާއަކީ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުޙުމަތުކޮށް، މިދިޔަ އަހަރުގެ މޭ 19 ގައި ޖަލަށްލާފައިވާ މީހެކެވެ. ނަމަވެސް ޕެރޯލު ބޯޑުގެ ނިންމުމާއެކު އޭނާ ވަނީ މިނިވަންކޮށްފައެވެ. އޭނާ މިނިވަން ކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ އިއްޔެއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ އަބުޗާ ޖަލުން ދޫކޮށްލާފައިވަނީ ޕެރޯލް ބޯޑުގެ ނިންމުމެއްގެ ދަށުން ކަމަށެވެ. އަދި އެ ނިންމުމަކީ ކަރެކްޝަންސްގެ ބާރުގެ ދަށުން ނުވަތަ ނުފޫޒެއްގެ ތެރެއިންވެސް ނިންމި ނިންމުމެއް ނޫންކަމަށާއި، އެ ބޯޑަކީ މިނިވަންކަމާއެކު ނިންމުންތައް ނިންމާ ބޯޑެއްކަމަށް އޭނާ ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އަބުޗާ އަލުން ހައްޔަރުކުރީ، އޭނާ ދޫކޮށްލުމަށް ނިންމި ނިންމުން އަލުން ރިވިއުކުރުމަށް ޕެރޯލް ބޯޑުގައި އެދުމުން، އެ ބޯޑުން ކުރީގެ ނިންމުން ބަދަލުކުރުމުން ކަމަށެވެ.
ޕެރޯލް ބޯޑުން 6 މެމްބަރުން ވަކި ކުރަން ނިންމީ އެ ފަރާތްތަކުގެ ކުށެއް އޮވެގެން ނޫން ކަމަށާއި ނަމަވެސް މިފަދަ ބޮޑު ނިންމުމެއް ނިންމުމުގައި ބައިވެރިވި މެމްބަރުން އެ ބޯޑުގައި ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނުވާކަމަށް އިހުސާން ވިދާޅުވި އެވެ.
ކަނޑުމަގުން އައްޑުއަށް 80 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި 2020 ވަނަ އަހަރު އަބުޗާ ހިމެނޭހެން ބަޔަކު ހައްޔަރު ކޮށްފައިވެއެވެ. މި މައްސަލާގައި އަބުޗާގެ މައްޗަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދެ ދައުވާއެއް ކޮށްފައިވެއެވެ.
އޭނާގެ މައްޗަށް ޙުކުމްކުރީ ދައުލަތާއެކު ހެދި އިޢުތިރާފް އެއްބަސްވުުމުގެ ދަށުންނެވެ. އެހެންވެ މި މައްސަލާގައި އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ޙުކުމެއް އަންނަން އޮތްނަމަވެސް އިޢުތިރާފުވުމުން ދިން ލުއިގެ ދަށުން އޭނާގެ މައްޗަށް، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
އިތުރަށް




.gif.gif&w=828&q=100)