އީރާނުގެ މިސައިލް ސައިޓްތަކަށާއި އުޅަނދުތަކަށް އެމެރިކާއިން އަނެއްކާވެސް ހަމަލާދީފި

އީރާނުގެ ދެކުނުގައިވާ މިސައިލް ސައިޓްތަކަށާއި، ކަނޑުއަޑީގެ މައިން އަތުރަން އުޅުނު އީރާނުގެ އުޅަނދުތަކަކަށް އަމާޒުކޮށް އެމެރިކާ ސިފައިން އައު ޙަމަލާތަކެއް ދީފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޙަމަލާތަކަކީ "އަމިއްލަ ދިފާޢުގައި" ދިން ޙަމަލާތަކެއް ކަމަށާއި، މީގެ ބޭނުމަކީ އީރާނުގެ ސިފައިންގެ ފަރާތުން އެމެރިކާގެ ސިފައިންނަށް އޮތް ނުރައްކާތަކުން ސިފައިން ރައްކާތެރިކުރުން ކަމަށެވެ. އެ ކޮމާންޑްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވީ، ދެޤައުމުގެ މެދުގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ހިނގަމުންދާ މިދަނޑިވަޅުގައިވެސް، އަމިއްލަ ބާރުތައް ދިފާޢުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޙަމަލާތައް އަމާޒުވެފައިވަނީ ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ އީރާނުގެ ދެކުނުގެ ރަށެއް ކަމަށްވާ ބަންދަރް އައްބާސް ކައިރިއަށެވެ. އެ ސަރަޙައްދުން ގޮވުންތަކެއްގެ އަޑު އިވުމާ ގުޅިގެން، އެރަށުގެ އޮފިޝަލުން އެކަން ތަޙުޤީޤު ކުރަމުންދާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ކުރިން ރިޕޯޓްކޮށްފައިވެއެވެ. މި ޙަމަލާއާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސުލްޙައިގެ ވާހަކަތަކަށް ވާނީ ކިހިނެއް؟
މި ޙަމަލާތަކުގެ ސަބަބުން އެމެރިކާއާއި އީރާނާ ދެމެދު ވެވޭ ފަހުގެ ސުލްޙައިގެ އެއްބަސްވުމަށް ކުރާނެ އަސަރެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އަދިވެސް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
ރޫބިއޯ ފާހަގަކުރެއްވި ގޮތުގައި އަންގާރަ ދުވަހު އީރާނުގެ އިސް މުސާހިބުންނާއި ފޮރިން މިނިސްޓަރު، ޤަތަރުގެ ބޮޑުވަޒީރާއެކު މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމެއް އެކުލަވާލަން ބޭނުންފުޅުވާ ކަމަށާއި، ނަމަވެސް ޓްރަމްޕް ހައްދަވާނީ "ރަނގަޅު އެއްބަސްވުމެއް" ނުވަތަ އެއްވެސް އެއްބަސްވުމެއް ނުހައްދަވާނެ ކަމަށް ރޫބިއޯ ވިދާޅުވިއެވެ. ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ބެހޭގޮތުން ރޫބިއޯ ވިދާޅުވީ، އެ ކަނޑުއޮޅި އޮންނަންޖެހޭނީ ހުޅުވިފައި ކަމަށާއި، އީރާނުން އެތަން ބަންދުކުރަން އުޅުމަކީ ޤާނޫނާ ޚިލާފު، މުޅި ދުނިޔެއަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނަށް ދިން ވަރުގަދަ ޙަމަލާތަކާއެކު މުޅި މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުނެވެ. އީރާނުން ވަނީ އިސްރާއީލަށާއި ގަލްފުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ޙަމަލާދީ، ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ.
އޭޕްރީލް 8 އިން ފެށިގެން ދެފަރާތުން ހަމަލާބަދަލުކުރުން ހުއްޓާލާފައިވީ ނަމަވެސް، މި މޭ މަހުގެ ކުރީކޮޅުވެސް ހޮރްމުޒް ކަނޑުއޮޅި ތެރޭގައި އެމެރިކާއާއި އީރާނުގެ މަނަވަރުތަކެއްގެ މެދުގައި ކުރިމަތިލުމެއް ހިނގާފައިވެއެވެ. އީރާނުން މިހާރުވެސް 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 440 ކިލޯގްރާމްގެ ޔުރޭނިއަމް ހުރި އިރު، ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ ތަކެތި އެމެރިކާއާ ޙަވާލުކުރަންޖެހޭނެ ކަމަށާއި، ނުވަތަ އީރާނުގައި ބަހައްޓައިގެން ނައްތާލަންޖެހޭނެ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)