ޑަބްލިއުޑީސީ ރައީސުންގެ މުސާރަ ބޮޑުކޮއްފި!

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ މުސާރަ ޕޭ ކޮމިޝަނުން މުރާޖަޢާކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކޮންމެ ރަށެއްގައާއި ސިޓީއެއްގައި 5 އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ މި ކޮމިޓީތަކަކީ، ރަށުގެ ކުރިއެރުވުމަށާއި އަންހެނުންގެ ހައްގުތަކަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ބައެކެވެ. ނަމަވެސް، އެ ފަރާތްތަކަށް ކުރިން ލިބޭ މުސާރަ ކުޑަވުމަކީ އަބަދުވެސް އޮންނަ ބޮޑު ކަންބޮޑުވުމެކެވެ.
މުސާރައަށް ބޭއްވުނު ބޮޑު ބަދަލުތައް
ޕޭ ކޮމިޝަނުން ގެނައި އައު ބަދަލާއެކު، ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އަދި ނައިބު ރައީސުންނާއި މެންބަރުންގެ މުސާރައަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
- ސިޓީތަކުގެ ޑަބްލިއުޑީސީ:
- ރައީސް: ކުރިން ލިބުނު 7،000ރ. ގެ ބަދަލުގައި ދެން ލިބޭނީ މަހަކު 20،000ރ.
- ނައިބު ރައީސް: ކުރިން ލިބުނު 6،000ރ. ގެ ބަދަލުގައި ދެން ލިބޭނީ މަހަކު 7،000ރ.
- މެންބަރުން: ކުރިން ލިބުނު 5،000ރ. ގެ ބަދަލުގައި ދެން ލިބޭނީ މަހަކު 6،000ރ.
- ރަށްރަށުގެ ޑަބްލިއުޑީސީ:
- ރައީސް: ކުރިން ލިބުނު 6،000ރ. ގެ ބަދަލުގައި ދެން ލިބޭނީ މަހަކު 15،000ރ.
- ނައިބު ރައީސް: ކުރިން ލިބުނު 5،000ރ. ގެ ބަދަލުގައި ދެން ލިބޭނީ މަހަކު 6،000ރ.
- މެންބަރުން: ކުރިން ލިބުނު 4،000ރ. ގެ ބަދަލުގައި ދެން ލިބޭނީ މަހަކު 5،000ރ.
މި އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ ދަށުން ޑަބްލިއުޑީސީތައް މާލީގޮތުން ބާރުވެރިކުރުވުމަށް މުހިންމު ދެ ބަދަލެއް ވަނީ ގެނެސްފައެވެ:
- ބަޖެޓުގެ ނިސްބަތް ދެގުނަކުރުން: މީގެކުރިން ކައުންސިލްގެ ބަޖެޓުން އަންހެނުންގެ ކޮމިޓީތަކަށް ދެމުންދިޔަ %5 ގެ ބަދަލުގައި، މިހާރު އެ ނިސްބަތް ވަނީ ދެގުނަ ބޮޑުކޮށް %10 އަށް ބަދަލުކޮށްފައެވެ.
- ރަމަޟާން މަހުގެ އެލަވަންސް: ޑަބްލިއުޑީސީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ ޚާއްޞަ އެލަވަންސް، ކޮމިޓީގެ އަމިއްލަ ބަޖެޓުން ދިނުމުގެ ބަދަލުގައި، ދެން ހަމަޖައްސާނީ ސީދާ ކައުންސިލްގެ ބަޖެޓުގެ ތެރެއިންނެވެ.
ސަރުކާރުން ބުނާގޮތުގައި މި ހުރިހާ ބަދަލުތަކެއް ގެނައުމުގެ މައިގަނޑު މަޤްޞަދަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ހަގީގީ މާނައިގައި ބާރުވެރި، އަދި ރަށުގެ ތަރައްގީގައި ކައުންސިލްތަކަށް ފުރިހަމައަށް އެހީތެރިވެދެވޭނެ ފަދަ މާލީ ގާބިލްކަން ހުރި މުއައްސަސާތަކަކަށް ހެދުމެވެ.
އިތުރަށް





.gif.gif&w=828&q=100)