ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ބަޖެޓުކުރި ވަރަށް ހަރަދު ހިފަހައްޓައިފި

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓު ސަޕްލިމެންޓުނުކޮށް، ދައުލަތުގެ ހަރަދުތައް ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓެއްގައި ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު "ބަޖެޓު ނަތީޖާގެ ބަޔާން 2025" ގައިވާ ގޮތުން 2025 ވަނަ މާލީ އަހަރު ނިންމައިލީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރޭގައި ދައުލަތުގެ ހުރިހާ ހަރަދެއް ހަމަޖައްސައިގެންނެވެ.
އެގޮތުން، 2021 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ހަތަރު އަހަރު ބަޖެޓު ސަޕްލިމަންޓު ކޮށްފައިވާއިރު، މިއީ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރި މިންވަރުގައި ހަރަދުތައް ހިފެހެއްޓުނު ފުރަތަމަ ފަހަރު ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި މައިގަނޑު އިސްކަމެއް ދީފައިވަނީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށާއި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށެވެ.
ރިޕޯޓުގައި ބުނި ގޮތުގައި، ދައުލަތުގެ ހަރަދު ކުޑަކޮށްފައި ވަނީ، ބަޖެޓު ތަންފީޒުކުރުމުގެ ކޮންޓްރޯލްތައް ހަރުދަނާކޮށް، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާ އުސޫލަށް ގެނެވުނު ބަދަލުތަކުންނެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރު ޖުމްލަ ހަރަދު ހުންނާނެ ކަމަށް ލަފާކުރި 49.2 ބިލިއަން ރުފިޔާގެ ބަދަލުގައި، މިދިޔަ އަހަރު ޖުމްލަ ހަރަދު ހުރީ 44.2 ބިލިއަން ރުފިޔާގަ އެވެ. މިއީ ބަޖެޓުކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.9 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ ލަފާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ދައުލަތުގެ އާމްދަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމަށް ބިނާވެފައިވާއިރު، އާމްދަނީގެ ކުރިއެރުން ހޯދާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު، ލަފާކުރި އަދަދަށް ވުރެ މަދުވުމާ އެކު އެވެ.
މިގޮތުން، މިދިޔަ އަހަރު 2,248,120 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ 2,246,516 މިލިއަން ޓޫރިސްޓުންނެވެ. މިއީ ލަފާކުރި އަދަދަށްވުރެ 0.1 ޕަސެންޓުގެ ދަށްވުމެއް ކަމަށްވިޔަސް، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް ލަފާކުރި މިންވަރަށްވުރެ އިތުރުވެފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުވުމުގެ ސަބަބުން، މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ ފިސްކަލް ޑެފިސިޓްވެސް ވަނީ ލަފާކުރި މިންވަރަށްވުރެ ކުޑަކުރެވިފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)