ފިޗް ރޭޓިން މަތިކުރުމަށްޓަކައި ވަރަށް ހިތްވަރުގަދަ ނިންމުމެއް ނިންމަން ޖެހުނު: ސާއިދު

ރާއްޖޭގެ ކްރެޑިޓް ރޭޓިން މިހާރު ހުރި ވަރަށް ގެނައުމަށްޓަކައި، ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން ވަރަށް ހިތްވަރުގަދަ ނިންމުންތަކެއް ނިންމަން ޖެހުނު ކަމަށް މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ، ކްރެޑިޓް ރޭޓިންއަކީ ދައުލަތަކުން ދަރަންޏެއް ނަގާހިނދު، އެ ދައުލަތުގެ މާލިއްޔާގައި އެ ދަރަނި އަދާކުރުމުގެ ގާބިލުކަން އެއްބަސްވުމާ އެއްގޮތަށް އޮތްތޯ ބެލުމަށް މިނިވަންކަމާއެކު ހަދާ ދިރާސާއެއް ކަމަށެވެ. ރާއްޖޭގައި 2017 ވަނަ އަހަރުން ފެށިގެން ފިޗް އަދި މޫޑީސް ފަދަ އިދާރާތަކުން މި ރޭޓިންތައް ހަދަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ސާއިދު ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުން އަތުން އޭރު ނަގަމުންދިޔަ ރޭޓަށް ބަދަލު ނުގެނެސް، ފަތުރުވެރިންގެ އަތުން ނަގާ ރޭޓްތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްސާދަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ވަކިން ހާއްސަކޮށް، 2024 ވަނަ އަހަރު ނިމުނުއިރު އެއާޕޯޓް ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ގެނައި ބަދަލުތަކަކީ ދައުލަތުގެ އާމްދަނީ އިތުރުވުމުގައި ބޮޑު ރޯލެއް ކުޅުނު ކަންކަމެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 123.6 އިންސައްތައިގައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކަށްވީ ދަރަނި އިތުރަށް ބޮޑުވިޔަނުދީ، ސުކޫކު ދައްކާއިރު ދަރަނި ކުޑަކުރެވޭނެ ގޮތަކަށް މާލީ ސިޔާސަތުތައް ބައްޓަންކުރުމެވެ. މި މަސައްކަތުގައި ރޭޓިން އެޖެންސީތަކުން ގަވާއިދުން ރިވިއުތައް ހަދަމުންދިޔަކަން ސާއިދު ފާހަގަކުރެއްވިއެވެ.
"ހަވާލުވިއިރު ހުރި 123،6 އިންސައްތަ ޖީޑީޕީ ނިިސްބަތުން ދަރަނި ޖުމްލަ ދައުލަތުގެ. މި އަދަދު ޑިފަސިޓެއްގައި ސަރުކާރު ހިންގަން ޖެހޭތީއާއެކީ، އޭގައި އަހަރުން އަހަރަށް ބޮޑުވަމުންދާ ރާސްތާގައި ތިބެމެ އަޅުގަނޑުމެން މަސައްކަތް ކުރުމަށް އަމާޒު ކަނޑައެޅީ ހަވާލުވިއިރަށްވުރެ ސުކޫކު ދައްކާއިރުގައި ދަރަނި ކުޑަކުރެވިދާނެ ކަހަލަ ގޮތަކަށް ނުވަތަ ދަރަނި ޖީޑީޕީގެ ނިސްބަތުން ބޮޑުނުވާ ގޮޮތަކަށް ބެހެއްޓުމަށްޓަކައި. އެހެންވީމަ އެގޮތަށް މަސައްކަތްކުރަމުން ދިޔަ ރޭޓިން އެޖެންސީތަކުން އަޅުގަނޑުމެންނާއެކީ ކޮންސަލްޓޭޝަން ހައްދަވަމުން ދިޔަ. ކޮންސަލްޓޭޝަނަށްވުރެ ބޮޑަށް އެބޭފުޅުން ރިވިއު ހައްދަވަމުންދިޔަ." ސާއިދު ވިދާޅުވިއެވެ.
އިގްސާދީ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރު ފެށުނުއިރު ރާއްޖޭގެ ރިޒާވް ވަނީ ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. އަދި އޭޕްރީލް 2 ވަނަ ދުވަހު ސަރުކާރުން ވަނީ 524.68 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް އަދާކޮށްފައެވެ. މީގެ އިތުރުން، ކުރީގެ ޔޫރޯ ބޮންޑަކާއި 400 މިލިއަން ޑޮލަރުގެ ސުކޫކުވެސް ވަނީ ކާމިޔާބުކަމާއެކު ދައްކާފައެވެ.
ސާއިދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކީ އިތުރު ބޮޑު ދަރަންޏެއް ނުނަގައި މި ދަރަނިތައް އަދާކުރުން ކަމަށެވެ. މިއީ ބޮޑު ގޮންޖެހުމަކަށް ވީނަމަވެސް، އެމްއެމްއޭގެ ގަވަރުނަރާ މަޝްވަރާކޮށްގެން ބޭނުންކުރެވޭ ރިޒާވް ވަކި މިންވަރެއްގައި ހިފަހައްޓައި، އޭޕްރީލް މަސް ނިމުނުއިރުވެސް 200-250 މިލިއަން ޑޮލަރު ރިޒާވްގައި ހުރިކަން އޭނާ ހާމަކުރެއްވިއެވެ.
އިތުރަށް





.gif.gif&w=828&q=100)