logologologologo
STO
ޚަބަރު

ބިންވެރިޔާ ސްކީމުން ބޯހިޔާވަހިކަމުގެ އިޖުތިމާއީ މަގުސަދު ހާސިލެއް ނުވޭ: އޮޑިޓް ރިޕޯޓް

ބިންވެރިޔާ ސްކީމުން ބޯހިޔާވަހިކަމުގެ އިޖުތިމާއީ މަގުސަދު ހާސިލެއް ނުވޭ: އޮޑިޓް ރިޕޯޓް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 20

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް" ގެ ދަށުން މާލޭ ސަރަހައްދުން ބިންތައް ބަހާލި ގޮތުން، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ހަގީގީ އިޖުތިމާއީ މަގުސަދު ހާސިލުވެފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފިއެވެ.

މާލެ ސަރަހައްދުން އަގުބޮޑު ބިންތަކެއް ހިލޭ ދޫކުރުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާއި އިންސާފުވެރިކަމެއް ނެތް ކަމުގެ ތުހުމަތުތައް އަމާޒުވި މި މަޝްރޫއާ ގުޅޭގޮތުން އޮޑިޓް އޮފީހުން ބުނީ، މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ.

ހާލަތަށް ބެލުމެއް ނެތް، އެންމެ ބޭނުންޖެހިފައިވީ މީހުން މަހުރޫމްވި!

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ދައުރުގައި މި ސްކީމް ތަންފީޒުކުރިއިރު، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ނިކަމެތި މީހުންގެ ދިރިއުޅުމުގެ ހާލަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައެއް ނުވެއެވެ. އަދި ބާޒާރުގެ ޑިމާންޑަށް ބަލައި އެކަށީގެންވާ ދިރާސާއެއް ވެސް ސަރުކާރުން ހަދާފައެއް ނެތެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ އަސާސީ ބޭނުމަކީ އަމިއްލައަށް ގެދޮރު ހޯދުމުގެ ގާބިލުކަން ނެތް މީހުންނަށް އެހީވުންކަން ފާހަގަކުރަމުން އޮޑިޓްގައި ބުނެފައިވަނީ:

"ބޭނުންޖެހިފައިވާ މިންވަރު ވަޒަން ކުރުމެއް ނެތް. މިފަދަ އަގުބޮޑު ބިންތަކެއް ހަމައެކަނި މާލޭގެ ރަޖިސްޓްރީގައިވާ މީހުންނަށް ހަނިކޮށްފައި އޮތުމުން، މާލެ ސަރަހައްދުގައި ކުއްޔަށް އުޅޭ، ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންޖެހިފައިވާ އެތައް އާއިލާއެއް މި ފުރުސަތުން މަހުރޫމުވި."

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފަދަ ވިޔަފާރީގެ ގޮތުން ބޮޑު ނަފާއެއް ހޯދެން ހުރި ސަރަހައްދުތަކުން ހިލޭ ގޯތި ބެހުމުގެ ސަބަބުން، ސަރުކާރުގެ ކުންފުނި އެޗްޑީސީއަށް 15 ބިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނުކަން ހިސާބުތަކުން ދައްކައެވެ.

މާލެއަށް އެކި ބޭނުންތަކުގައި ހިޖުރަކޮށް، އާމްދަނީގެ ބޮޑު ބައެއް ކުލީގެ ގޮތުގައި ހޭދަކުރަންޖެހޭ ބޮޑު އާބާދީއެއް އޮތްއިރު، ބިންވެރިޔާ ސްކީމުގެ މައިގަނޑު ޝަރުތަކަށް ހަދާފައި އޮތީ ހަމައެކަނި 18 އަހަރު ފުރުމާއި، މާލޭ ރަޖިސްޓްރީގައި އޮތުމުގެ އިތުރުން ނަމުގައި ބިމެއް ނެތުމެވެ. އެހެންކަމުން މިއީ އިންސާފުވެރި، އަދި އިޖުތިމާއީ މަގުސަދު ހާސިލުވި މަޝްރޫއެއް ނޫންކަމަށް އޮޑިޓުން ވަނީ ކަނޑައަޅާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް