ކުރީގެ ތިން ރައީސުން އުފެއްދި ކޮމިޓީއަށް މަންދޫބުން ކަނޑައަޅައިފި

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަދި ޑިމޮކްރަސީގެ ހަމަތައް ހިމާޔަތްކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވެ ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން ޚާއްސަ މަންދޫބުން ކަނޑައަޅައި، ގުޅިފައިވާ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މި ތިން ރައީސުންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ގްރޫޕަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، މި ހަރަކާތްތައް ކުރިއަށްގެންދާނެ ސްޓްރެޓެޖީތައް ރޭވުމަށް ކަނޑައެޅި މަންދޫބުންނަކީ:
- ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން: ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ.
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން: މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް އަދި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ).
- ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން: ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު.
ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރުމަށް ތިން ރައީސުން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މީޑިއާ ބްރީފިންގްގައި ރައީސް ޔާމީން ވިދާޅުވީ، ތިން ބޭފުޅުން ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖީތަކާއި ޓައިމްލައިންތައް އެކުލަވާލާނީ މި ކަނޑައެޅުނު ފަންނީ ކޮމިޓީގެ އެހީތެރިކަމާއެކު ކަމަށެވެ.
ނަމަވެސް، އެ ޕްލޭންތައް އެކުލަވާލެވެންދެން މަޑުނުކުރައްވައި، ސަރުކާރާ ޚިޔާލުތަފާތުވާ މުހިންމު ކަންކަމުގައި މުޒާހަރާތަކާއި އިހުތިޖާޖުތަކުގެ ޒަރީއާއިން ސަރުކާރަށް ޕްރެޝަރު ކުރަމުންދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެއްބަސްވުމުގެ މައިގަނޑު ކަންބޮޑުވުންތައް
ތިން ރައީސުން ސޮއިކުރެއްވި ބަޔާނުގައި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މުއައްސަސާތަކަށް ނުފޫޒު ފޯރުވުން: ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަނެ، ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި، މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުން.
- މީޑިއާއަށް ހުރަސްއެޅުން: މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި ނޫސްވެރިން ޖަލަށްލުން.
- އިގްރިސާދީ ހީނަރުކަން: ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ތަކެތީގެ އަގު އުފުލި، ދައުލަތުގެ ފައިސާއާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް ސަރުކާރު ނުކުޅެދިފައިވުން.
މި އެއްބަސްވުމުގެ ދަށުން ތިން ރައީސުން ސަރުކާރަށް އެންމެ ފުރަތަމަ ގޮވާލައްވާފައިވަނީ، ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް އޯޑަރާ" ޚިލާފުވި ކަމުގެ ކުށުގައި ޖަލަށްލާފައިވާ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށެވެ. އަދި އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ސަބަބުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށާއި، "އަދަދު" ނޫހުގެ ދެ ނޫސްވެރިއެއްގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތައް ހުއްޓާލުމަށް ވެސް ތިން ރައީސުން ވަނީ ގޮވާލައްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)