logologologologo
STO
ޚަބަރު

ހުޅުމާލޭން ހިލޭ ގޯތި ދިނުމުން އެޗްޑީސީ އަށް 15 ބިލިއަން ރުފިޔާ ގެއްލުން: އޮޑިޓް ރިޕޯޓް

ހުޅުމާލޭން ހިލޭ ގޯތި ދިނުމުން އެޗްޑީސީ އަށް 15 ބިލިއަން ރުފިޔާ ގެއްލުން: އޮޑިޓް ރިޕޯޓް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 18

މިދިޔަ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އަދި ފޭސް 3 އިން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 15 ބިލިއަނެއްހާ ރުފިޔާގެ މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ ރިޕޯޓެއްގައި ބުނެފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި މި އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ބިންވެރިޔާ ސްކީމްގެ ދަށުން އެޗްޑީސީގެ މިލްކިއްޔާތުގައިވާ ޖުމްލަ 2،841،400 (ދެ މިލިއަން އަށް ލައްކަ ސާޅީސް އެއް ހާސް ހަތަރު ސަތޭކަ) އަކަފޫޓުގެ ބިން ވަނީ ދޫކޮށްފައެވެ. މި ބިންތައް މާކެޓް ރޭޓުގައި، ވާދަވެރި ބީލަމެއްގެ ދަށުން ވިއްކި ނަމަ އެޗްޑީސީ އަށް އާމްދަނީގެ ގޮތުގައި 14.85 ބިލިއަން ރުފިޔާ އާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް އޮޑިޓް އޮފީހުން އަންދާޒާ ކުރެއެވެ.

މި ބިންތަކުގެ އަގުތައް އޮޑިޓް އޮފީހުން ކަނޑައަޅާފައި ވަނީ 2022 އިން 2024 އާ ދެމެދު އެޗްޑީސީން ބިޑް އުސޫލުން ވިއްކާފައިވާ، މި ބިންތަކާ އެއްވަރުގެ ބިންތަކުގެ މާކެޓް އަގުތަކަށް ބަލައިގެންނެވެ.

ގޯތި ދޫކުރި ގޮތުގެ ތަފްސީލު:

  • ހުޅުމާލެ ފޭސް 2 (ބީޗްސައިޑް): 473 މީހަކަށް 188 ގޯތި ދޫކުރިއެވެ. މިއީ ޖުމްލަ 347,600 އަކަފޫޓުގެ ބިމެވެ. މާކެޓް އަގުން ނަމަ މީގެއިން 2.5 ބިލިއަން ރުފިޔާ ލިބުނީހެވެ.
  • ހުޅުމާލެ ފޭސް 2 (އެހެނިހެން ސަރަހައްދުތައް): 1,166 މީހަކަށް 521 ގޯތި ދޫކުރިއެވެ. މިއީ ޖުމްލަ 909,250 އަކަފޫޓުގެ ބިމެވެ. މާކެޓް އަގުން ނަމަ މީގެއިން 4.9 ބިލިއަން ރުފިޔާ ލިބުނީހެވެ.
  • ހުޅުމާލެ ފޭސް 3: 2,481 މީހަކަށް 699 ގޯތި ދޫކުރިއެވެ. މިއީ ޖުމްލަ 1,584,550 އަކަފޫޓުގެ ބިމެވެ. މާކެޓް އަގުން ނަމަ މީގެއިން 8.4 ބިލިއަން ރުފިޔާ ލިބުނީހެވެ.

ދައުލަތުގެ މާލިއްޔާއަށް ކުރާނެ އަސަރު

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މިހާ ބޮޑު އަގުހުރި ބިންތަކެއް އެއްވެސް އަގަކާ ނުލައި 4,120 ފަރުދުންގެ މިލްކުވެރިކަމަށް ބަދަލުކޮށްލުމަކީ ދައުލަތުގެ މާލީ ހާލަތަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. ސަބަބަކީ މީގެ ސަބަބުން އެޗްޑީސީއަށް ލިބުނު ގެއްލުން ފޫބެއްދުމަށް ދައުލަތުގެ މާލިއްޔާއިން ބޮޑު ހޭދައެއް ކުރަން ޖެހުމެވެ.

"ބިންވެރިޔާ ސްކީމްގެ ދަށުން މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ދައުލަތުގެ މާލިއްޔަތަށް މީގެ ސަބަބުން ކުރާނެ އަސަރުތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަކާ ނުލައި ކަން ފާހަގަކުރަން،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓްގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި ސްކީމްގެ ދަށުން ގޯތި ލިބުނު ކޮންމެ މީހަކަށް ދައުލަތުން އެވްރެޖްކޮށް 3.8 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. މިއީ "ހިޔާ" މަޝްރޫއުން ފްލެޓް ލިބުނު މީހަކަށް ދައުލަތުން ހިނގި ހަރަދަށް ވުރެ 70 އިންސައްތަ އިތުރު އަދަދެކެވެ. އަދި "ގެދޮރުވެރިޔާ" މަޝްރޫއުން ފްލެޓް ލިބުނު މީހަކަށް ހިނގި ހަރަދާ އަޅާބަލާއިރު 63 އިންސައްތަ ބޮޑު ހަރަދެއްކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް