ރިލްވާންގެ މައްސަލައިގައި ތުހުމަތުވާ މީހުން ދޫކޮށްލީ އިބޫ ސޯލިހުގެ ސަރުކާރުން!!

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މިހާރުގެ ސަރުކާރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިގޮތަށް ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅުވި ގޮތުގައި، ރިލްވާންގެ މައްސަލައިގައި ހިމެނޭ ތުހުމަތުކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެއް ނޫނެވެ. އެ މީހުން މިނިވަންވެފައިވަނީ 2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ރައީސް ސޯލިހުގެ އަމިއްލަ ވެރިކަމުގެ ދަށުން ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.
ރިލްވާން ގެއްލުވާލި މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގަށް ރައީސް ސޯލިހުގެ ވެރިކަމުގައި އުފެއްދި މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން ހައްޔަރުކުރި ބައެއް މީހުން، 2023 ގެ ޖޫން މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ބަންދުން ދޫކޮށްލާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކުރީގެ ރައީސް ސޯލިހު ރޭ ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި މި ސަރުކާރަށް އަމާޒުކުރެއްވި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން، އުޝާމް ވަނީ ސިޔާސީ މަންފާއަށްޓަކައި ހަގީގަތް އޮޅުވާނުލުމަށް ގޮވާލައްވާފައެވެ.

.gif.gif&w=828&q=100)

