ޣައްޒާއަށް އެހީ ހިފައިގެންދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ބޯޓުތަކަށް އިސްރާއީލުން ހަމަލާ ދީފި

އިސްރާއީލުން ބަންދުކޮށް، ހާލުގައި ޖައްސާފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހުގެ ޒަރޫރީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ އުޅަނދުތަކަށް އިސްރާއީލުގެ ސިފައިން ހަތިޔާރާއެކު އަރައިގަނެ، ކަނޑުފޭރުމުގެ ރަހުމުކުޑަ އަމަލުތަކެއް ހިންގައިފިއެވެ.
"ސުމޫދު ފްލޮޓިލާ" ހަރަކާތުގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، އިސްރާއީލުގެ ކަނޑުގެ ސިފައިން މި އުޅަނދުތައް ހުއްޓުވާފައިވަނީ މެޑިޓަރޭނިޔަން ކަނޑުގެ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަނިކޮށެވެ. ބޯޓުތަކަށް އަރައިގަތުމަށްފަހު، އޭގެ ފަޅުވެރިންނާއި އެކްޓިވިސްޓުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން އިސްރާއީލުން ވަނީ ގަދަކަމުން ހައްޔަރުކޮށްފައެވެ.
ތަރުޖަމާނު ވިދާޅުވީ، އިސްރާއީލު ސިފައިން ވަނީ ބޯޓުތައް ޣައްޒާއަށް ދިޔުން މަނާކޮށް، އޭގައި ހުރި އިންސާނީ އެހީގެ ގިނަ ތަކެއްޗަށް ބޮޑެތި ގެއްލުންދީފައެވެ. އަދި ބައެއް ތަކެތި ގަދަކަމުން ކަނޑަށް އުކާލުމަށްފަހު، އުޅަނދުތަކުގެ ދަތުރުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކުރުމަށް ފަޅުވެރިންނަށް މަޖުބޫރުކުރުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީ ސިފައިން މި ފްލީޓްގެ ބޯޓުތައް ހުއްޓުވައި ފަޅުވެރިން ހައްޔަރުކުރީ އެ ބޯޓުތައް ސައިފްރަސް (ސައިޕްރަސް) ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ.
"ގްލޯބަލް ސުމޫދު ފްލޮޓިލާ" އަކީ ޣައްޒާގައި ބަނޑަށް ޖައްސާފައިވާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީވުމަށްޓަކައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެކްޓިވިސްޓުން ގުޅިގެން ކުރިއަށްގެންދާ ދެމެހެއްޓެނިވި ބޮޑު ހަރަކާތެކެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ އެތައް ސަތޭކަ ވޮލަންޓިއަރުން ބައިވެރިވާ މި ހަރަކާތުގެ މައި މަރުކަޒު ގާއިމުކޮށްފައިވަނީ ސްޕެއިންގައެވެ.
މިއީ ޣައްޒާގެ ހިސާރު ފޫއަޅުވާލުމަށްފަހު އެހީ ފޯރުކޮށްދިނުމަށް "ސުމޫދު ފްލޮޓިލާ" އިން މަސައްކަތްކުރި ހަތަރުވަނަ ފަހަރެވެ. މިފަހަރުގެ ފްލީޓް ދަތުރު ފަށާފައިވަނީ ތުރުކީގެ މަރުމަރާ (މާމަރިސް) ސިޓީންނެވެ.
މީގެކުރިން މި ހަރަކާތުން ކުރި ތިން ދަތުރުގައި ވެސް އިސްރާއީލުން ވަނީ ހަމަ މިފަދަ ލޭއޮހޮރުވުން ބޮޑު ކަނޑުފޭރުމުގެ އަމަލުތައް ހިންގާފައެވެ. އެ ފަހަރުތަކުގައި ވެސް ބޯޓުތަކަށް ހަމަލާދީ، ފަޅުވެރިން ހައްޔަރުކޮށް ޖަލަށްލުމުގެ އިތުރުން، ބޯޓުގައި ހުރި ހުރިހާ ބޭހާއި ކާބޯތަކެތި ވަނީ ކަނޑަށް ފައްތާ ނައްތާލާފައެވެ.
އިތުރަށް





.gif.gif&w=828&q=100)