މީކާއީލަށް ތާއީދު އޮތްކަން ސޯލިހް ވިދާޅުވުމާއެކު ނަޝީދު އުޅުއްވީ ޕްރެސް ނިންމަވާލައްވަން

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ތާއިދު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް ކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ހާމަ ކުރައްވައިފި އެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޯރިގަދަވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ގުޅޭގޮތުން އިބޫއާ ސުވާލު އަމާޒުކުރި އެވެ.
އެ އިންތިހާބުގައި އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދު ވެސް ވާދަކުރައްވާއިރު، އިބޫ ވިދާޅުވިގޮތުން އެމަނިކުފާނު ތާއިދު އޮތީ ނަޝީދަކަށް ނޫނެވެ.
"ނުކުތް ތަނުން އަޅުގަނޑު މީކާއީލަށް ތާއީދު ކުރާ ވާހަކަ އޮންނާނީ ބުނެފައި. އެ ހިސާބުގައި މިކަން މިއޮތީ. ރައީސް ނަޝީދު މިކަމުގައި އެބަ ވާދަކުރައްވާ. ނަމަވެސް ތާއީދު އޭރު އޮތް ގޮތަށް އޮތީ. އެއަކަށް ބަދަލެއް ނާދެ،" އެންމެ ފަހުން ރާއްޖޭގައި ވެރިކަން ކުރެއްވެވި ސޯލިހް ވިދާޅުވިއެވެ.
ސޯލިހް މިގޮތަށް ޖަވާބު ދެއްވުމާއެކުގައި އަމިއްލަފުޅަށް މައިކް އޮން ކުރައްވައި ނަޝީދު ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. ނަޝީދު ވިދާޅުވީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވީ އެއް ގަޑިއިރަށް ކަމަށާއި އޭރު ވެސް އެއް ގަޑިއިރާއި ސާޅީސް ހަތް ސިކުންތު ހިނގާފައިވާ ކަމަށެވެ.
ނަޝީދު އެގޮތަށް ވިދާޅުވި އިރު، ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ނޫސްވެރިއަކަށް ވެސް އެއް ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަޝީދު ޕްރެސް ކޮންފަރެންސް ނިންމަވާލައްވަން އުޅުއްވިއިރު، އެއްވެސް ސުވާލެއް ނުކުރާ، އެކަމަކު ސުވާލު ކުރަން ބޭނުންވެފައި ތިބި ނޫސްވެރިން ތިއްބެވެ.
"ހުރިހާ ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ދުރާ ގާތުން މި މަންޒަރުތައް ބައްލަވަމުން، އަޑު އައްސަވަމުން ގެންދެވި ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ." ނަޝީދު އެގޮތަށް ވިދާޅުވެފައި ގޮނޑިން ތެދުވެވަޑައިގަންނަވައެވެ.
ނަމަވެސް ނޫސްވެރިން ޝަކުވާ ކުރަން ފެއްޓެވުމުން ޔާމީން ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. އަދި އިތުރު ތިން މީޑިއާއެއްގެ ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ދެއްވިއެވެ. އެއީ އެންމެ އިންސާފުވެރި ގޮތަކަށް ވާނެތޯ ވެސް ޔާމީން އައްސަވައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުވެފައިވަނީ ނަޝީދުގެ ފަޅި އާއި އިބޫ ފަޅީގެ ވާދަވެރި ކަމަކަށެވެ. މީކާއިލްގެ ފަހަތުގައި އިބޫގެ ގާތް ބޭފުޅުންނާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރެ އެވެ.
އަނެއްކޮޅުން ނަޝީދުގެ ކެމްޕެއިންގައި ކުރިން އިބޫ ވަރަށް ގާތުގައި ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކެމްޕެއިން ކުރައްވަ އެވެ.
އެމްޑީޕީގެ ތެރޭގައި ފެކްޝަންތަކުގެ ވާދަވެރިކަން ގަދަވެފައި އޮތްއިރު، އެ ފެކްޝަންތައް ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ކޮންޓްރޯލް ނެގެން އޮތީ ޗެއާޕާސަން ކަމުގެ އިންތިހާބު ކާމިޔާބުކޮށްގެންނެވެ. ސަބަބަކީ އެމްޑީޕީގެ ޗެއާޕާސަނަކީ ގައުމީ މަޖިލިހުގެ ވެސް މަޝްވަރާގެ މަތިން ކަންކަން ނިންމެވުމުގައި އެންމެ ބާރުގަދަ ފަރާތެވެ.
އިތުރަށް





.gif.gif&w=828&q=100)