logologologologo
STO
ޚަބަރު

އަދީބު މިނިވަންކޮށްގެން މައާފަށް އެދެން ޖެހޭ ކަމަށް ނުދެކެން: ރައީސް ސޯލިހު

އަދީބު މިނިވަންކޮށްގެން މައާފަށް އެދެން ޖެހޭ ކަމަށް ނުދެކެން: ރައީސް ސޯލިހު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 15

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ، ބަންދުން ދޫކޮށްލުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުރަތަމަ ފަހަރަށް ރޭ ދިފާއު ކުރައްވައިފި އެވެ. 

ރައީސް މުޙައްމަދު ނޝީދު، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް ސޯލިހު އެއްކޮށް ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އަދީބަށް ލުއިދިނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އިދާރާތަކުން އެކަން ބެލުމަށް ފަހު، އެ މަނިކުފާނާ ހަމައަށް އަދީބުގެ މައްސަލަ އައިއިރު އޮތީ ލުއި ދެވޭނެ މީހެއްގެ ގޮތުގައި ކަމަށް އިބޫ ވިދާޅުވި އެވެ. އަދީބުގެ މެޑިކަލް ރިޕޯޓްތައް ވެސް ހުރި ކަމަށާއި ލުއި ދިނީ ހަމައެކަނި ޖިނާއީ ބަޔަށް ކަމަށާއި މަދަނީ ބައި ކަމަށްވާ ފައިސާ ހޯދުމުގެ މައްސަލަ އަދިވެސް ކުރިއަށް ގެންދެވޭނެ ކަމަށް އިބޫ ރޭ ވިދާޅުވި އެވެ. 

އިބޫ ވިދާޅުވީ އަދީބަށް ލުއި ދިނުމާ ގުޅިގެން ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އޮތް ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"ދެން އެކަމުގައި އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވިފައިވާ ނަމަ، މާފަށް އެދެންޏާ މާފަށް އެދެންވީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ މާފަށް އެދެންޖެހޭ ވަރު ކަމެއް ނޫން. ތިޔަ ބޭފުޅުންނަށް ދެކޭ ގޮތުގައި އެއީ ގޯސްކަމެއް ކަމަށްވާ ނަމަ، އެކަން އަޅުގަނޑު ބަލައިގަންނަން،" އިބޫ ވިދާޅުވި އެވެ. 

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އަދީބުގެ މައްޗަށް 150 އަށް ވުރެން ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން ކުރީ ހަތް ދައުވާ އެވެ. މި ދައުވާތަކުގައި 20 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވީ އަދަބު ލުއިވާ ގޮތަށް ހެދި ޕްލީބާގެއިން އެއްބަސްވުމުގެ ދަށުންނެވެ.

ޖަލު އަދަބު ލުއިވުމުގެ އިތުރަށް އެ އެއްބަސްވުމުގައިވާ ގޮތުން، ހިޔާނާތާ ގުޅިގެން އަދީބު ދައްކަން ޖެހެނީ ވެސް ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ. މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް (ފަސް ބިލިއަން ރުފިޔާ އިން) އަދީބު ޖޫރިމަނާ ކުރެވެން އޮއްވައި ދެ މިލިއަނުން ޖޫރިމަނާކުރުމުންގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކުރި އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް