މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގެންފި

މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އިސް ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.
1447 ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތަކަށް ވަޑައިގެންނެވި މި ވަފުދަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ބުނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީ ޢަރަބިއްޔާއިން 18 ބޭފުޅުންގެ ވަފުދެއް އިއްޔެ ވަޑައިގަންނަވާފައިވާ ކަމަށެވެ.
ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދިވެހިރާއްޖެއަށް މި ޚިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ޙައްޖު މޫސުމުގައި ފުރާ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)