ފުވައްމުލަކު ސިޓީގައި މި ސަރުކާރުން ބިނާކުރި ޤުރުއާނާބެހޭ މަރުކަޒު ހުކުރު ދުވަހު ހުޅުވަނީ

ފުވައްމުލަކު ސިޓީގައި މި ސަރުކާރުން ބިނާކުރި ޤުރުއާނާބެހޭ މަރުކަޒު ހުކުރު ދުވަހު ހުޅުވަން ތައްޔާރުވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ކަމާ ގުޅިގެން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ޤުރުއާނާއި ބެހޭ މަރުކަޒު ހުޅުވުމަށްފަހު ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް އެ ސިޓީގައި އިތުރު ކުރާނެކަމަށާއި އަދި މުދައްރިސުންގެ އަދަދުވެސް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ، ފުވައްމުލަކު ސިޓީގެ އިސްލާމީ މަރުކަޒު ޑިޒައިންކޮށް ނިމި، ކައުންސިލްގެ ބަހެއް ހޯދުމަށް ކޮންސެޕްޓު ފުވައްމަލު ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އިސްލާމީ މަރުކަޒު ނިމުމުން އެތަން ބަދަލު ވާނީ ޤުރުއާނާއި ބެހޭ މަރުކަޒަށް ކަމަށާއި، މިހާރު ހުޅުވާ ޤުރުއާނާއި ބެހޭ މަރުކަޒު ބަދަލުވާނީ ވަޤުފު ބިނާއަކަށް ކަމަށެވެ. މިތަނުން ލިބޭ ފައިސާ ޚަރަދު ކުރާނީ ފުވައްމުލަކު ސިޓީގެ ދީނީ އެކި ކަންކަމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފުވައްމުލަކު ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިހާރު 16 ޤުރުއާން މަރުކަޒެެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)