ސީޑަބްލިއުޔޫ ޓޯކަން: ނަޝީދު ގެ ބައިވެރިވުމާއެކު ހިންގާ ސްކޭމެއްތަ ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ވެސް ބޭނުންކޮށްގެން "ކޮމަންވެލްތު ޔޫނިއަން ބްލޮކް ޗެއިން ނެޓްވޯކް" ގެ ނަމުގައި ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ގެންދާ ސީޑަބްލިިއު ކްރިޕްޓޯ ޓޯކެންގެ ސައްހަކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފައްދަމުން ދާއިރު ނަޝީދަށް މިކަމުގައި ބޮޑެތި ފާޑުކިޔުންތަކަމެއް އަމާޒުވެއްޖެ އެވެ.
'ޖުބްރާން ޝަރީފް'ގެ ނަމުގައި 'އެކްސް'ގައި ހިންގާ އެކައުންޓަކުން ވަނީ، ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް (ސީޑަބްލިޔުޔޫ)ގެ ނަމުގައި ސޯލާނާ ބްލޮކްޗެއިންގައި މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ތައާރަފުކޮށްފައިވާ ޓޯކެންއަކާ ގުޅޭ ތުހުމަތުތަކެއް އާންމުކޮށްފައެވެ.
އެ ޓޯކަން ލޯންޗްކުރިއިރު، ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެއީ ކޮމަންވެލްތުގެ ދެ ބިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އަމާޒުކޮށްގެން އުފެއްދި ޑިޖިޓަލް އައިޑެންޓިޓީއެއް ކަމަށެވެ.
ސީޑަބްލިއު ކްރިޕްޓޯ ޓޮކެން އަށް ސޯޝަލް މީޑިއާގައި މީހުންގެ ސަމާލުކަން ލިބުނީ ނަޝީދާއި އެހެން ބައެއް ގައުމުތަކުގެ ލީޑަރުންގެ ނަން ބޭނުންކޮށްގެން އެ ޓޯކެން އިޝްތިހާރުކުރަމުން ގެންދާތީ އެވެ.
އެއް ބިލިއަން ޓޯކަންގެ ސަޕްލައިއެއް އޮތް މި މަޝްރޫއުގެ އިސް ސަފުގައި ޔޫއޭއީގެ ޝާޖާގެ ޝާހީ އާއިލާގެ މެމްބަރެއްގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ކުރީގެ ލީޑަރުން ހިމެނޭކަމަށް އެ ޕްލެޓްފޯމުން އައީ ދައުވާ ކުރަމުންނެވެ. ނަމަވެސް ޓޯކަން ލޯންޗްކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ބްލޮކްޗެއިންގެ ތަފާސްހިސާބުތަކުން ފެންނަ ވޮލެޓް ކޮންސެންޓްރޭޝަން މައްސަލަތަކާއި، އެޑްވައިޒަރީ ބޯޑުގައި ހިމެނޭ ބައެއް ބޭފުޅުން އެކަން އިންކާރު ކުރުމާ ގުޅިގެން މި މަޝްރޫއުގެ އިތުބާރާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
އެގޮތަށް އިޝްތިހާރު ކުރަން އެކްސްގައި ޖެހި ޕޯސްޓެއް ނަޝީދު ރީޕޯސްޓް ކުރެއްވުމާ އެކު ބައެއް ސީޑަބްލިއު ކްރިޕްޓޯ ޓޯކެންގެ ހަގީގަތް ހޯދައި އެއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އަންނަނީ ދައްކަމުންނެވެ. ނަމަވެސް ނަޝީދު ވަނީ މި ޓޯކަން އަކީ ސްކޭމެއް ކަމަށް ކުރާ ތުހުމަތަށް ޖަވާބު ދިނުމުގެ ބަދަލުގައި އެއީ ސްކޭމެއް ނޫން ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓްތައް ރީޕޯސްޓް ވެސް ކުރައްވައިފަ އެވެ.
އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި އަދި އެންމެ ޝައްކުވާ ކަމެއްގެ ގޮތުގައި ފެންނަނީ އެ ޓޯކެންގެ ސަޕްލައި 73 ޕަސެންޓަށް ވުރެ ބޮޑު ބައެއް އެންމެ 195 ވޮޮލެޓުން ކޮންޓްރޯލްކުރާތީ އެވެ. މި ހުރިހާ ވޮލެޓްތަކެއް ވެސް ޓޯކަން ލޯންޗްކުރި ވަގުތު އެންމެ ސިކުންތެއްގެ ތެރޭގައި އެއް ސްކްރިޕްޓަކުން އުފައްދާފައި ހުރިކަން ވެސް މިކަމުގެ ހަގީގަތް ބެލި މީހުން ހޯދާފައި ވާތީ މިއީ ވެސް ޝައްކު އުފެދޭ ބޮޑު ސަބަބެކެވެ. މިއީ އެކަކު ހުރިހާ ފައިސާއެއް ކޮންޓްރޯލްކުރާކަން އަންގައިދޭ ކަމެކެވެ.
އިންޓަނެޓްގައި ލިބެން ހުރި މައުލޫމާތަށް ބަލާއިރު ސީޑަބްލިއު ކްރިޕްޓޯ އަކީ ކޮމަންވެލްތާ އެއްވެސް ގުޅުމެއް އޮތް އޮއްޗެއް ވެސް ނޫނެވެ. އަދި މިއާ ބައެއް ލީޑަރުންނާ ގުޅުވައިގެން އަދި ކޮމަންވެލްތު ގައުމުތަކުގެ އަދަދާއި އާބާދީއާ ގުޅުވައިގެން މައުލޫމާތު ފަތުރަނީ ވެސް އާންމުންނަށް އޮޅޭ ގޮތަށެވެ.
ނަަމަވެސް އެ ޓޯކެން އިޝްތިހާރު ކުުރުމުގައި ނަންތައް ބޭނުންކުރާތީ އެކަމުގެ ހަގީގަތް ހާމަކުރެއްވީ ނުވަތަ އެ ކަމާ ދެކޮޅު ހެއްދެވީ އަދި ވަރަށް މަދު ލީޑަރުންނެވެ.
"މިއީ ފޭކް، އަޅުގަނޑު މިކަމުގައި ބައިވެރިއެއް ނުވަން،" އެކަމުގައި ބައިވެރިވުމެއް ނެތްކަން ހާމަކުރެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސީޝެލްސްގެ ކުރީގެ ރައީސް އަމީނާ ގްރައިބް ފާކިމް ވިދާޅުވި އެވެ.
އެގޮތުން، މަޝްރޫއުގެ އިސް ސަފުގައި ހިމެނޭ ކަމަށް ބުނާ މޮރިޝަސްގެ ކުރީގެ ރައީސާ އަމީނާ ގުރިބް ފާކިމް ވަނީ އެއީ އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ، އާންމުން މިކަމަށް ސަމާލުވުމަށް އެކްސްގައި ގޮވާލައްވާފައެވެ.
ސީޑަބްލިއު ކްރިމްޕްޓޯ ޓޯކެން އަކީ ބޮޑު ސްކޭމެއް ކަމަށް ބެލެވޭ އަނެއް ސަބަބަކީ ކުރިން ވެސް ބޮޑު ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތުކޮށް، ބީބީސީން ރިޕޯޓްކޮށްފައިވާ، ޔޫއޭއީގެ ޝާހީ އާއިލާގެ މީހަކު އެކަމުގައި އިސްކޮށް ހުރުމެވެ.
އިތުރަށް





.gif.gif&w=828&q=100)
