logologologologo
STO
ރިޕޯޓް

މިއީ ތާއީދު ކިރާލާ ބޮޑު ފަޅި ސާފު ވާނެ އިންތިހާބު

މިއީ ތާއީދު ކިރާލާ ބޮޑު ފަޅި ސާފު ވާނެ އިންތިހާބު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 10

އެމްޑީޕީގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް ފެނިހާމަ ވަނީ އެންމެ ކަމެކެވެ. އަދިވެސް ގޮތް ދޫކޮށް އެއް އޮޑިޔަށް އަރަން ދެ ރައީސުން ވެސް ބޭނުން ނުވާ ކަމެވެ. ރައީސް މުޙައްމަދު ނަޝީދުގެ ފަޅިން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ފަޅިއަށް ބަހެއް ނޭއްލާ ދުވަހެއް އިރު އަރައި އޮއްސޭއިރު ފާއިތު ނުވެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދެރައީސުން ވެސް ބޭނުންވަނީ އެންމެ ކަމެކެވެ. ޕާޓީގެ މުޅި ކޮންޓްރޯލް އެބޭފުޅެއްގެ އަތަށް ނެންގެވުމަށެވެ. މިފަހުން ފެންނަނީ، ޕާޓީގައި އުފެދިފައިވާ ބާގަނޑު އިތުރަށް ބޮޑުވާ މަންޒަރެވެ. މާބޮޑު މިސްރާބެއް އެމްޑީޕީއަކު ނެތޭ ވެސް ބުނެވިދާނެ އެވެ.

ޕާޓީގެ ހިންގުމުގެ އެންމެ އިސްވެރިޔާގެ އިންތިހާބުގެ ރޭހުގެ ފޯރި ވަރަށް ގަދަ އެވެ; ރައީސް ސޯލިހު، އެމަނިކުފާނުގެ ފެކްޝަނުން ނެރުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. ރައީސް ނަޝީދު ފަޅިން އެންމެފަހު ފަހަރު މީހަކު ދެއްކިނަމަވެސް މިފަހަރު މީހަކު ނުދައްކަ އެވެ. ނިކުންނެވީ ސީދާ އެމަނިކުފާނެވެ. މީގެންވެސް އެމަނިކުފާނު އެމްޑީޕީގެ ކޮންޓްރޯލް ނަންގަވަން ބޭނުންފުޅުވެފައި ހުންނެވި މިންވަރު ހާމަވެގެން އެބަދެއެވެ.

ޖޫން 12 އަށް ތާވަލްކޮށްފައިވާ ޗެއާޕާސަން އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް އިންތިހާބާ ބެހޭ ކޮމެޓީން ބެލުމަށް ފަހު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓް ނަންބަރާ އެކު މިއަދު ވަނީ އާންމުކޮށްފަ އެވެ.

 އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުން:

ކެންޑިޑޭޓް ނަމްބަރު 1 - މުހައްމަދު ނަޝީދު ، ގ. ކެނެރީގެ ކ. މާލެ

ކެންޑިޑޭޓް ނަމްބަރު 2 - އިބްރާހިމް މުހައްމަދު، (ވާޑު) ހުދުވިލާގެ ލ. ފޮނަދޫ

ކެންޑިޑޭޓް ނަމްބަރު 3 - މީކާއިލް އަހުމަދު ނަސީމް، ގ. ބަރޯސާ، ކ. މާލެ

އޭގެ ތެރެއިން ވާދަވެރި ކެމްޕެއިނެއް ކުރިއަށް ދަނީ އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލްއާ ދެމެދުގަ އެވެ.

ކުރިޔަށް އޮތް އިންތިހާބުން އަނެއްކާވެސް ފެންމަތިވަނީ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ވާދަވެރިކަމެވެ. އެމްޑީޕީން މި ޗެއާޕާސަންގެ އިންތިހާބުގައި ވެސް ވޯޓު ނެރޭނެ ކަމަށް ބެލެވެނީ ދެފިކުރަކަށް ބެލުމަށްފަހު އެވެ. އެއީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ރިޔާސީ ޓިކެޓް އެމްޑީޕީން ރިޔާސީ ދައުރެއް ފުރިހަމަ ކުރި ރައީސް ސޯލިހުއަށް ދީ މިހާރުވެސް ރާއްޖޭގެ ވެރިކަން ކުރަމުން މިއަންނަ ނިޒާމަށް ވެރިކަން ކުރުމަށް ވޯޓް ދޭނެ ބަޔަކާއި ރައީސް ނަޝީދު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހުށަހަޅުއްވާފައިވާ "ބޮޑު ބަދަލު" ގެ ފިކުރަށް ވޯޓް ދޭނެ ބައެކެވެ. އެބޭފުޅުން އެވިދާޅުވާ ބޮޑު ބަދަލުގައި ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކެނޑިޑޭޓަކީ ފައްޔާޒު އެވެ. އެހެންނަމަވެސް ދައުލަތުގެ މަތީ މަގާމެއް ނަޝީދުއަށް ފުރުއްވޭނެ ގޮތަކަށް އެބޭފުޅުން ނިޒާމަށް ބަދަލު ގެންނަވާނެ އެވެ. ވީހާވެސް ގިނަ ބާރުތައް މުށަށް ލެއްވުމަކީ ރައީސް ނަޝީދުގެ އަމާޒުކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކުރުކޮށް ދަންނަވާ ކަމުގައި ވަނީނަމަ އެއް ފިކުރަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދުމަށް މަގު އަލިކުރާނެ ފިކުރެވެ. އަނެއް ފިކުރަކީ ރިޔާސީ ނިޒާމް ދޫކޮށްލައި, ނަޝީދު ބޮޑުވަޒީރަކަށް ގެނައުމުގެ މަސައްކަތެވެ. އެހެންވެ, ޗެއާޕާސަން ރޭހުގެ ވޯޓަކީ ބަރުލަމާނީ ނިޒާމަށް އޮތް ތާއިދު ނޫނީ ރިޔާސީ ނިޒާމް ދަމަހައްޓަން ތާއިދު ދެއްކުމުގެ ވޯޓަކަށް ވެސް ވާނެ އެވެ. ހަމަ އެހެންމެ އެމްޑީޕީގެ ކޮންޓްރޯލް ނޫނީ މަގުބޫލްކަން މިހާރު އޮތީ ކޮން ލީޑަރެއްކަން ކަނޑައެޅުމުގެ ވޯޓަށް ވެސް ވާނެ އެވެ.

 

 

MALDIVE GASAllied Insurance
އިތުރަށް