ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް ބައެއް މެންބަރުން އެ މަނިކުފާނުގެ ނަންފުޅު ގެންނެވުމުން އެކަމަށް ރައްދު ދެއްވައި، އެ މަނިކުފާނު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ.
މި ބަހުސްގެ ތެރެއިން ބައެއް މެންބަރުން ވަނީ އީގަލް ހިލްސްއަށް ރަސްމާލެ 99 އަހަރަށް ދިނުމާއި، އެހެން ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، ސާބިތު ނުހިފޭ ގޮތަށް މުސްތަގުބަލުގައި ވާން އޮތް ކަންކަމުގެ ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިންނަކީވެސް އެކި ގައުމުތަކުން އައިސް ވަޒަންވެރިވި އާބާދީއެއްގެ ފަޚުރުވެރި ދަރިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ތެރެއިން ބޭރު މީހުންނަށް ނަފުރަތު ކުރުމުގެ ވިސްނުމާއި ހަރުކަށި ވަތަނީ ފިކުރުތައް ބަލައިގަންނަމުންދާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ ވިސްނުންތަކަކީ އެމްޑީޕީ އުފެއްދި އުސޫލުތަކާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީއާ ހިލާފު ކަންކަމެވެ.
ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހެޅުއްވި މި ގަރާރުގައި، ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން އާންމުކުރުމަށާއި، މި މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)