logo
logo
އީރާނުގައި މުޒާހަރާކުރާ ފަރާތްތަކާއިއެކު ސާބިތުވެ ހުންނެވިކަމަށް ނަޝީދު ވިދާޅުވެއްޖެ

އީރާނުގައި މުޒާހަރާކުރާ ފަރާތްތަކާއިއެކު ސާބިތުވެ ހުންނެވިކަމަށް ނަޝީދު ވިދާޅުވެއްޖެ

2026 ޖެނުއަރީ 13
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އީރާނުގައި މުޒާހަރާކުރާ ފަރާތްތަކާއިއެކު ސާބިތުވެ ހުންނެވިކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އީރާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ފަރާތްތަކަށް ހިތްވަރުދެއްވާ އިނގިރޭސިބަހުން ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާނުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބޭނުމަކަށް ތާޢީދެއް ނުކުރައްވާ ކަމަށާއި އެކަމަކު މަގުތަކަށް ނުކުމެ ތިބި ޒުވާން މުޒާހަރާގެ ބައިވެރިންނަށް ތާޢީދުކުރަންޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ މުޒާހަރާތަކުން ރާއްޖޭގެ މާޒީ ހަނދާންކޮށްދޭ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް މައުމޫނާ ދެކޮޅަށް އެކްޓިވިސްޓުން މުޒާހަރާ ކުރުމުން، އެއީ ނަޞާރާ މިޝަނަރީންގެ އެހީގައި ކުރާ ކަމެއް ކަމަށް ބުނަމުންދިޔަ ކަމަށެވެ. އަދި އަސްލު ތަދަކީ މުޒާހަރާކުރި މީހުންނަށް ލިބުނު އަނިޔާއާއި ތަޅާފޮޅުންކަން އެނގޭ ކަމަށެވެ.

 

އީރާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް ނަޝީދު އިއްޔެ ކުރެއްވި ޕޯސްޓަކަށް ލަންކާގައި ހުންނަ އީރާން އެމްބަސީން ވަނީ ރައްދުދީފައެވެ. އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ އީރާނުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ޤައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ޤައުމުގެ ސަރުކާރު ނޫން ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެމުން އީރާން އެމްބަސީން ކުރި ޕޯސްޓެއްގައި ބުނީ މުޒާހަރާތަކުގެ ބޭނުމަކީ އީރާނުގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނަގައިލުން ކަމަށާއި އީރާނުގެ ކުޑަކުދިންނާއި އަންހެނުންނާއި ކުށެއް ނެތް އާންމު ރައްޔިތުން މޮސާޑާ ގުޅުން ހުރި ފަރާތްތަކުން ސިޓީތަކުގައި ހިންގި ޓެރަރިސްޓް އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ.

އެ ހަމަނުޖެހުންތަކުގައި މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތައް ސުންނާފަތިކޮށް، މަގުމަތީގަ އާއި މާރުކޭޓުތަކުގައި އުޅުނު އާންމު ރައްޔިތުންނަށް ވަނީ ހަމަލަދީފައި ކަމަށާއި އަދި މެޓްރޯ ސްޓޭޝަންތަކަށާއި ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

އީރާނު އެމްބަސީގެ ޕޯސްޓް ނިންމާލާފައި ވަނީ "މި ޙާލަތުގައި، ތިޔަ ބޭފުޅާ [ނަޝީދު] ހުންނެވީ ކޮން ފަރާތެއްގައި ހެއްޔެވެ؟،" ނަޝީދާ ސުވާލުކުރަމުންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޕޯސްޓަކީ އިރާނު އެމްބަސީގެ ވާހަކަތަކަށް ދެއްވި ރައްދެއް ކަމަށް ޤަބޫލުކުރެވެއެވެ.

އީރާނުގެ މިހާރުގެ ޙާލަތަށް ބަލާއިރު، މުޅި ޤައުމު ވަނީ ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ​2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އީރާނުގެ ހުރިހާ ޕްރޮވިންސެއްގައި ދަނީ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. މި މުޒާހަރާތައް ބޮޑަށް ފެށުނީ އިޤްތިޞާދީ ދަތިކަމާއި ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު އެ މުޒާހަރާތައް ވަނީ ސަރުކާރު ބަދަލުކުރުމަށް ގޮވާލާ ސިޔާސީ ޙަރަކާތަކަށް ބަދަލުވެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް