ފައްޔާޒްގެ މަސައްކަތްތަކަށް ނަޝީދުގެ ތައުރީފް!

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްގެ މަސައްކަތްތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ.
ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ، އެމްޑީޕީއަށް ފައްޔާޒް ވަނީ ނުހަނު ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައި ކަމަށެވެ. ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގެން، ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތް ވަގުތުގައި ޖެހިލުންވުމެއް ނެތި ޖަލަށް ވެސް ވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި އެމްޑީޕީ ދޫކުރައްވައި ނަޝީދު އާ ޕާޓީއެއް އުފެއްދެވި އެވެ. އެކަމަކު، އެ ކޯޅުމުގައި އެމްޑީޕީ އަށް ވެސް ލިބުނު ބޮޑެތި "ގެއްލުންތަކަށް" ފަހު ނަޝީދު ވަނީ މި އަހަރުގެ ޖޫން މަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމާ އެކު، ވެސް އެ ޕާޓީގެ ބައެއް އިސްވެރިންނާއި އާންމު މެމްބަރުންނާ ދެމެދު އޮތް ގުޅުން ރަނގަޅުވި ތަން ނުފެންނަ ކަން ފައްޔާޒު ރޭ އިސްތިއުފާ ދެއްވުމުގެ ކުރިން ދެއްކެވި ވާހަކައިގައި ވެސް ނުސީދާކޮށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ކުރިއަށް ހުރި އިންތިހާބުތައް ވެސް އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެ ބައިބައިވުންތައް ނައްތާލައިގެން "އެއްވެގެން" ނެވެ.
މީޑިއާ ނުވައްދައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ޗެއާޕާސަންގެ މަގާމުގެ އިސްތިއުފާ އިއުލާން ކުރެއްވުމުގެ ކުރިން ފައްޔާޒު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ކޯޅުން ހައްލު ކުރައްވަން ކުރެއްވި މަސައްކަތްތައް ހާމަކޮށްދެއްވައިފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)
