logologologologo
STO
ދުނިޔެ

ޔޫއޭއީގެ ވައިގެ ދަތުރުފަތުރު އާންމު ހާލަތަށް ގެނެސްފި

ޔޫއޭއީގެ ވައިގެ ދަތުރުފަތުރު އާންމު ހާލަތަށް ގެނެސްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 02

އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީގެ ވައިގެ ދަތުރުފަތުރު އާންމު ޙާލަތަށް އައިސްފައިވާ ކަމަށް އެ ޤައުމުގެ އޭވިއޭޝަން އޮތޯރިޓީ, ޖީސީއޭއޭއިން ބުނެފިއެވެ.

ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން ބުނި ގޮތުގައި މި ނިންމުން ނިންމާފައިވަނީ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާލަތާއި ސެކިއުރިޓީގެ ކަންކަން ފުޅާ ދާއިރާއެއްގައި ވަޒަންކުރުމަށްފަހުގަ އެވެ. އަދި އޭވިއޭޝަންގެ ސަލާމަތްތެރިކަން އެންމެ މަތީ މިންގަނޑެއްގައި ބެހެއްޓުމަށް، ކަންކަން ވަގުތުން ބަލައި މޮނިޓާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީގެ އިތުރުން، މި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމިގެންދިޔަ މުއްދަތުގައި ފަސިންޖަރުންނާއި އެއާލައިންތަކުން ދިން އެއްބާރުލުމަށް ޝުުކުރުއަދާކޮށް، އެ އޮތޯރިޓީގެ ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓީމުތަކުން ކުރިއަށް އޮތްތަނުގައި ވެސް ކޮންމެފަދަ ކަމަކަށް ތައްޔާރަށް ތިބިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޔޫއޭއީގެ ވައިގެ ދަތުރުފަތުރަށް ހުރަސްއެޅުނީ އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. ހަނގުރާމައިގައި ޙަމަލާ ބަދަލުކުރަމުން ދިޔަ އިރު ޔޫއޭއީގެ ދެ ވައިގެ ބަނދަރަކަށް ޙަމަލާތަކެއް އަމާޒުވެފައިވެއެވެ. ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުވި ޙަމަލާގައި ހަތަރު މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި އަބޫ ދާބީގައި ހުންނަ ޒަޔެދް އިންޓަނޭޝަނަލް އެއާޕޯޓްއަށް އަމާޒުވި ޙަމަލާގައި އެކަކު މަރުވެ ހަތް މީހުންނަށް ޒަޚަމްވެފައިވެއެވެ.

ޔޫއޭއީއިން ވައިގެ ސަރަޙައްދު ބަންދުކުރުމާއެކު އެ ޤައުމުގެ މަތިން މަތިންދާބޯޓު ދަތުރުކުރުން އެއްކޮށް ހުއްޓުމަކަށް އައެވެ. ހަމަ އެއާއެކު ދުބާއީއާއި އަބޫ ދާބީގައި ހުރި ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ވައިގެ ބަނދަރުތައް ވެސް ހުއްޓުމަކަށް އައެވެ. ހަނގުރާމައިގެ ކުރިން މި މަގުތަކުން އެމިރޭޓްސްއާއި ޤަތަރު އެއާވޭސްއާއި އިއްތިޙާދު ފަދަ އެއާލައިންތައް މެދުވެރިކޮށް ދުވާލަކު 90،000އަށްވުރެ ގިނަ ފަސިންޖަރުން ދިޔައީ ދަތުރުކުރަމުންނެވެ. ވައިގެ ސަރަޙައްދުތައް ބަންދުކުރުމާ އެކު މެދުއިރުމަތީގެ އެއާލައިންތަކުން ކުރުމަށް ތާވަލްކޮށްފައި އޮތް 1،800އަށްވުރެ ގިނަ ދަތުރު ވެސް ކެންސަލްވިއެވެ.

MALDIVE GASAllied Insurance
އިތުރަށް