ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ޓީމޫ ފަދަ ސައިޓުތަކުން ވިޔަފާރި ކުރެވޭނެ ވަކި އަދަދެއް ކަނޑައަޅައިފި

ކޮންމެ މީހަކަށް ވެސް ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ނިންމައިފިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޝަރީފް ވިދާޅުވީ މިހާރު ބެންކަން ގަންނަން ލިބޭ ޑޮލަރަށް ވުރެ، ވިއްކަން ޖެހޭ ޑޮލަރު އިތުރުވަމުން އަންނަ ކަމަށެވެ.
މި ބައްދަލުވުމުގައި ޝަރީފް ވަނީ ބޭންކުން އަޅަން ނިންމާފާއިވާ ބައެއް ފިޔަވަޅުތައް ހާމަކުރައްވައިފައެވެ.
މި ފިޔަވަޅުތަކަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި އަޅަމުންދާ ގިނަ ފިޔަވަޅުތަކެއް ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް މީހުން، އޮންލައިން ވިޔަފާރި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް ވަރަށް ގިނަ އަދަދަކަށް މުދާ ގަންނަކަމަށާއި އޭގެ ސަބަބުން، ބޭންކުން ވަރަށް ގިނަ ޢަދަދަކަށް ބޭރު ފައިސާ އެގޮތަށް ވިއްކެނީ ނިސްބަތުން މަދު ބަޔަކަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ އެހެންވެ ބީއެމްއެލްއިން ވަނީ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެ މަދު ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ ޢަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމައިފައެވެ. ނަމަވެސް އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު ބަދަލެއް ނުގެންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން ކަނޑައަޅާފައިވަނީ ރުފިޔާ އެކައުންޓްތަކުން ކޮންމެ ޓަސްމަރަކަށް މަހަކު އީ-ކޮމާސްގައި ކުރެވޭ ޓްރާންސެކްޝަންގެ އަދަދަކީ 30 ކަމަށް ހަމަޖެއްސުމަށެވެ.
ރުފިޔާ އެކައުންޓްތަކަށް މި ފިޔަވަޅުތައް އެޅިނަމަވެސް ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާއި ނުލައި ބޭނުންކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ބީއެމްއެލްއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި:
-ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާއި ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ހަމަޖެއްސުން ހިމެނެއެވެ.
-ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅުއްވާ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނެގުން. އިތުރުކާޑުތަކަށް އަހަރީފީ ނުނަގާގޮތަށް ހަމަޖެއްސުން.
-ޓީޓީތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖެއްސުން. ބޭރު ފައިސާ އެ ޓީޓއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާގަޑިއެއްގައި ފޮނުވޭނެ.
-ޓީޓީތައް ސްޕްލިޓްކޮއްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުން.
ބީއެމްއެލްއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން ލިބުނު ފައިސާގެ އަދަދަކީ 1.58 ބިލިއަން ޑޮލަރު ކަމަށްވާއިރު، އެ މުއްދަތުގައި ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ އަަދަދު 1.45 ބިލިއަން ޑޮލަރަށް އަރައެވެ.
އިތުރަށް





.gif.gif&w=828&q=100)
